ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ އަޑުއެހުންތައް މިރޭ ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ހަވީރު 3:45 ހާއިރު ފެށި ޝަރީއަތުގެ މަޖިލިސް ނިންމާލީ ގާތްގަނޑަކަށް 7 ގަޑިއިރަށް ވުރެ ގިނަ އިރުވި އެވެ.

މިރޭގެ ޝަރީއަތް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނިންމަވާލެއްވީ މިމައްސަލައިގަ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ މައްސަލައިގެ ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަވާފައި ވަނީ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދާއިރު ފަނޑިޔާރުން އަޑުއައްސަވަނީ.

މައްސަލަ ނިންމަވާ ލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގަ ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި އެ މައްސަލާގައި ވަރަށް ތަފްސީލުކޮށް ހުރިހާ ފަރަތްތަކަކުން ވެސް ބަހުސް ކުރެއްވި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރީއަތާއި މެދު ފަނޑިޔާރުން ބަހުސް ކުރެއްވުމަށް ފަހު ވަކި ގޮތެއް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މިމައްސަލައާއި ގުޅިގެން ފަނޑިޔާރުން ބަހުސް ކުރައްވާނެ އިތުރު ކަމެއް ސާފު ކުރަން ނުވަތަ އިތުރު ސުވާލެއް ނެތިއްޔާ އަލުން އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވޭނެ އެހެން ނޫނީ އިރާދަފުޅުން ޝަރީއަތެއް ބާއްވާނީ މައްސަލަ ނިންމަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރައީސް ޔާމީނަށް އަލުން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އަލުން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދިނުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިރޭ ކުރިޔަށް ގެންދާއިރު އެ މަނިކުފާނު ވާހަކަދައްކަވަނީ.

މީގެ އިތުރުން ރައީސް ޔާމީންއާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދިނުމަށާއި އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑަސީ ބާތިލް ކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ.

މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މައްދާއާއި ހިލާފަށް ކަމަށެވެ. އެކަމަށް ދައުލަތާއި އިލެކްޝަންސް ކޮމިޝަނުން ވަރަށް ފުޅަކޮށް ބަހުސް ކުރެއްވި އެވެ.