ޖުޑިޝަރީ ބޭނުންކޮށްގެން ރައީސް ޔާމީންގެ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ޖުޑިޝަރީ ބޭނުންކޮށްގެން ރައީސް ޔާމީންގެ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ އިންސާފުގެ ނިޒާމުގެ ތެރޭގައި ރައީސް ޔާމިން ބަންދުކޮށްގެން، ގާނޫނު އަސާސީން ލިބިދީފައިވާ އެންމެ މުހިންމު އަސާސީ ހައްގު ކަމަށްވާ އިންތިހާބަށް ކުރިމަތިލުމުގެ ހައްގާއި، ރައްޔިތުން އެ މީހުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ލިބިދީފައިވާ ހައްގު ހަގީގަތުގައި ނިގުޅައިގެންފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުގައިވާ ގާނޫނީ ވަހްސާއި ދުސްތޫރީ ވަހްސަކީ ވަކި ވާހަކައެއް ކަމަށާއި އެކަމަކު ވަރަށް ބޮޑެތި ގޯސްތަކެއް ހުކުމްގައި ފެންނަން އެބަ ހުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މިއަދު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވެނީ މިސަރުކާރުން އިސްތިއުނާފުގެ މަރުހަލާގައި ލިބިދީފައި އޮތް ހައްގު ހިފެހެއްޓުމުގެ ނަތީޖާއިން ކަމަށެވެ.

"ދަ ފައިޓް އިޒް އޮން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށާއި، ހައި ކޯޓުގައި އެ ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ދިޔަގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފަ އެވެ.

"ދަށު ކޯޓުގައި ޔާމީން މައްސަލަ ގުޅޭނީ ކިހިނެއްތޯ ކޮން ގޮތަކަށްތޯ ފަނޑިޔާރަށް ބުނެއެެއް ނުދެވުނު، ދަށު ކޯޓުގެ ފަނޑިޔާރު ކޯޓުގައި ނުދައްކާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކޮށްފައިވާ ހުކުމެއް އެއީ. އެ ހުކުމް ވަރަށް ތަފްސީލީ ގޮތެއްގައި އިސްތިއުނާފު ކުރީ. އިސްތުނާފަށް ހުށަހެޅި ކްރިމިނަލް ކޯޓުގެ މައްސަލައިގައި ވަރަށް ގިނަ ގޯސްތަކެއް ހުރި. އޭގައި ހުރީ ހައްތާވެސް ނޫފުބެދޭ ކަންތައްތައް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމުގައި ކުރެވިގެން ދިޔައީ ގާނޫނުތަކުގެ ގޯސް ތަރުޖަމާއެއް ކަމަށް ވެސް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.