އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އަންގަވައިފި އެވެ.

މިއަދު ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ރައީސް ޔާމީންގެ އިންތިހާބީ ހައްގު ގެއްލިފައިވާތީ އެމަނިކުފާނު ވަނީ އަންނަ މަހު ބާއްވާ އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމް/ޕީއެންސީ ކިބައިން އެދިފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

އެނގިފައިވާ ގޮތުގައި އެ ނޯޓް ލިބުމާ އެކު، ޕީޕީއެމްގެ ލީޑާޝިޕުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެނެޓް ބައްދަލުވުމެއް މިހާރު ވަނީ ފަށައިފަ އެވެ.

ޔާމީންގެ މިފަދަ އެންގެވުމެއް މި އައީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކުރިމަތި ލައްވަން ހުށަހެޅުއްވި ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފަ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވީ، އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ހާލަތެއްގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމާފައި ވަނިކޮށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ޖުޑިޝަރީ ބޭނުންކޮށްގެން ރައީސް ޔާމީންގެ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ އިންސާފުގެ ނިޒާމުގެ ތެރޭގައި ރައީސް ޔާމިން ބަންދުކޮށްގެން، ގާނޫނު އަސާސީން ލިބިދީފައިވާ އެންމެ މުހިންމު އަސާސީ ހައްގު ކަމަށްވާ އިންތިހާބަށް ކުރިމަތިލުމުގެ ހައްގާއި، ރައްޔިތުން އެ މީހުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ލިބިދީފައިވާ ހައްގު ހަގީގަތުގައި ނިގުޅައިގެންފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުގައިވާ ގާނޫނީ ވަހްސާއި ދުސްތޫރީ ވަހްސަކީ ވަކި ވާހަކައެއް ކަމަށާއި އެކަމަކު ވަރަށް ބޮޑެތި ގޯސްތަކެއް ހުކުމްގައި ފެންނަން އެބަ ހުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.