އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ މެންބަރުން މަގުމަތި ނުކުރުމަށާއި ވަކި މީހެއްގެ ފަހަތުގައި ތިބުމުގެ ސިޔާސަތު ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހު މިފަދައިން ގޮވާލެއްވީ މިއަދު ކެމްޕޭން ދަތުރުފުޅެއްގައި ދ. މީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ސިޔާސީ މަސްރަހު ކުރިއަށް ދަމުންދާ ގޮތާ މެދު އެމަނިކުފާނު ކަންބޮޑުވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތެއް ހިންގޭނީ ވާދަވެރިކަމާއެކު ހުރިހާ ޕާޓީއަކުން މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އަޅުގަނޑުމެންގެ ވާދަވެރި ސިޔާސީ ޕާޓީ އަށް އެންމެ ފަހު ވަގުތާ ޖެހުނު އިރު ވެސް ކެންޑިޑޭޓަކު ކަނޑަނޭޅި އޮތުމަކީ އެ ޕާޓީގެ މެމްބަރުންނަށް ލިބިގެންދާ ދެރައެއް. މުޅީ ގައުމަށް ވެސް ލިބިގެންދާ ދެރައެއް. ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނީ ވާދަވެރިކަމާ އެކީގައި ހުރިހާ ޕާޓީއަކުން މަސައްކަތްކޮށްގެން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ދ.މީދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރައްވަނީ އިންތިހާބު ބޮއިކޮޓް ކުރައްވާށެވެ. އެއްވެސް ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވާ ރައީސް ވިދާޅުވީ ޕީޕީއެމް މިއަދު ފެންނަނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ތަން ކަމަށެވެ.

"މިއަދު މަސައްކަތް ކުރަމުން އެ ގެންދަނީ އިންތިހާބު ބޮއިކޮޓް ކުރަން. ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެމްޕޭނަށް ދ.މީދޫގައި

ރައީސް ސޯލިހް ވިދާޅުވީ މީގެކުރިން އެމްޑީޕީން ވެސް އެކަން ކަޑައްތުކޮށްފައިވާނެ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ތެރެއިން އޮތް ބާރެވެ. އެކަމުން އަރައިގަނެވުނީ އެމްޑީޕީގައި ތިއްބެވި އިސް ބޭފުޅުން ނުކުމެވަޑައިގަތުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" "އަޅުގަނޑުމެންވެސް އެކަން ކަނޑައްތު ކުރިން. 2018 ވަނަ އަހަރާ ޖެހެންދެންވެސް އެކަން އޮތީ އެ ގޮތަށް. އެހެންނަމަވެސް ޕާޓީގައި އޭރު ތިއްބެވި އިސް ބޭފުޅުން ނިކުމެ ވަޑައިގެން އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސިޔާސަތު ތަކުގެ ތެރެއިން ފުރަތަމަ ސިޔާސަތު މިރޭ ކުޑަހުވަދޫގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކުލަވާލައިފައިވާ ސިޔާސަތުއް ހާމަ ކުރައްވަން އަޅުގަނޑުމެން އެބަ ފައްޓަން. އެ ސިޔާސަތުތަކުގެ ތެރޭގައި މަސްވެރިކަމާއި ގުޅުން ހުރި ސިޔާސަތުތައްވެސް ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ ހުރިހާ ބޭފުޅުންވެސް އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއްވެސް މީހެއް އަދި ރަށެއް ތަފާތު ކުރުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު މިހާރު ޝައްކެއް ކުރާނެތަކެއް ނެތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ކެންޑިޑޭޓު ޔާމީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުއްވުމުން އެ ކެންޑިޑެސީ ބަލައިގަތުމަށް ކޮމިޝަނުން ދެކޮޅު ހެދި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންއާ ދެކޮޅަށެވެ. އެހެންވެ، ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރައްވަން ޕީޕީއެމާއި ޕީއެންސީ އަށް އަންގަވައިފަ އެވެ. ނަމަވެސް ފަހުން ޔާމީން ވަނީ އެ ވިސްނުން ބަދަލު ކުރައްވައި މުއިއްޒުއާ އެކީގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.