މި އަހަރުގެ އިންތިޚާބުގައި މިހާތަނަށް އެންމެ އަޑު ގަދަވެފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެކޮޅަށް ހިންގާ "އިބޫ ނޫން ގޮތެއް ނެތް" ކަމާއި "އިބޫ ނޫން ގޮތެއް" ހޯދުމުގެ އަޑެވެ.
"އިބޫ ނޫން ގޮތެއް" ހޯދުމަށް ފެށި ކެމްޕޭނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ސޯލިހާ ދެކޮޅަށް ފެށްޓެވި ކެމްޕޭނެކެވެ.
ރައީސް ނަޝީދުގެ އެ ކެމްޕޭން، ފަހުން ވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ވެސް މަގުބޫލުވެ "އިބޫ ނޫން ގޮތެއް" އެ ޕާޓީގެ ކެމްޕޭނުގެ އެންމެ ގަދައެއް އަޑަކަށްވެފަ އެވެ.
އިބޫ ނޫން ގޮތެއްގެ ކެމްޕޭން އިދިކޮޅުން ފެށުމާ އެކު ސަރުކާރުން ވަނީ އެ ޝިއާރު ބަދަލުކޮށް "އިބޫ ނޫން ގޮތެއް ނެތް" ކަމުގައި އަޑު އުފުލަން ފަށައިފަ އެވެ. ގަދަވެފައިވާ އިބޫ ނޫން ގޮތެއް ހޯދަން އިދިކޮޅު ޕީޕީއެމާއި އަލަށް ވުޖޫދުވި ދަ ޑިމޮކްރެޓްސް އަށް މިހާރު މިވަނީ "މުއިއްޒު ނޫން ގޮތެއް" ނެތިފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ކޯލިޝަން، ޕިޕީއެމް/ޕީއެންސީއަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫން ގޮތެއް ނެތުނީ އެ ދެ ޕާޓިގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ހަމަޖެއްސި ކުރީގެ ރައީސް ޔާމީނަށް ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ގެއްލުމާ ގުޅިގެން އުފެދިގެން ދިޔަ ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. އެ ނުތަނަވަސްކަމެއް އެކު ތުންފިއްތައިގެން ތިބި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭބޭފުޅުން މަޑުމަޑުން ޑރ. މުއިއްޒުގެ ފަހަތުގައި ސަފުތައް ރުކުރުވައިލަމުންދާއިރު ޑރ. މުއިއްޒު ގެންދަވަނީ އޭނާގެ ކެމްޕެއިން ޓީމް ތަރުތީބުކުރައްވައި އިންތިޚާބަށް ތައްޔާރުވަމުންނެވެ. އަދި މިހާރު ވަނީ ބައެއް އަތޮޅުތަކަށް އިއްޔެ ކެމްޕޭން ދަތުރުތައް ވެސް ފަށައިފަ އެވެ.
ޑރ. މުއިއްޒަށް ލިބުނު ރިޔާސީ ކެންޑިޑޭޓުގެ ފުރުސަތު އެކި މީހުން ސިފަ ކުރަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ ޑރ. މުއިއްޒުގެ އަތުގައި ނަސީބު ހިފި ފުރުސަތެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒު ހޯއްދެވީ ޕާޓީގެ ތެރޭގައި ގެންނެވި ބަޣާވަތަކުންނެވެ.
ޑރ. މުއިއްޒުގެ އަމިއްލަ ބަސްފުޅުން ނަމަ އެއީ ރައީސް ޔާމީނުގެ އިރުޝާދާ ލަފާ ފުޅާ އެކު އެމަނިކުފާނުގެ ޖަލު ހުކުމުން ސަލާމަތް ކުރެއްވުމަށް ނެންގެވި ފިޔަވަޅެކެވެ.
ޑރ. މުއިޒަށް ރިޔާސީ ކެންޑިޑޭސީ ކޮންމެ ގޮތަކަށް ލިބުނު ކަމުގައި ވިޔަސް ޕީޕީއެމް/ޕީއެންސީގެ ތެރެއަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް ހަގީގަތަކީ އެ ޕާޓީގެ ތެރެއިން ފަހިވާން ބޯމަތިކޮށްފައި އޮތް ފުރުސަތަށް ދަހިވެފައި ތިބި އެތައް ބަޔަކު ތިބި ތަނެވެ. އެކަމަކު ޑރ. މުއިއްޒު ފިޔަވައި އެއްވެސް ބޭފުޅަކަށް އެ މަގާމާ ހަމަޔަށް ދިއުމަށް ދުރާލާ ކުރެވުނު މަސައްކަތެއް ނެތެވެ. އެއާ ޚިލާފަށް ޑރ. މުއިއްޒު ގެންދެވީ ފަހިވެދާނެ ފުރުސަތަކަށް ބައްލަވައި އެކަމަށް ދުރާލާ މަގުފަހި ކުރައްވަމުންނެވެ. އެކަމުގެ އަޑު ޕާޓީ ތެރޭގައި ދޭތެރެ ދޭތެރެއިން ގުގުމައިގެން ދިޔަ ކަމުގައި ވިޔަސް ޑރ. މުއިއްޒު ގެންދެވި ކަމަށް ވަނީ ޕާޓީ ތެރޭގައި "ހިމޭން އިންގިލާބެއް" ގެންނަވަން މަގުފަހި ކުރައްވަމުންނެވެ.
ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވެ ރިޔާސީ ކެންޑިޑޭޓްކަމުގެ ފުރުސަތު ގެއްލުނުއިރު ޕީޕީއެމަށް ދެން ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވީ ރައީސް ޔާމީންގެ މައަޗަށް އެ ދުވަހު ކުރެވުނު ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމުގައި ގަބޫލު ކުރެވޭ ނަމަ އެ ޕާޓީން އިންތިޚާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީން އެދި ވަޑައިގެންނެވުމުންނެވެ.
އެމަނިކުފާނުގެ އެދިވަޑައިގެންނެވުން އެގޮތައް ނުނިމި އަލުން ކެންޑިޑޭޓެއް ވެސް ނުނެރެވި އާޚިރުގައި ނިމުނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒު ކުރިމަތި ލައްވައިގެންނެވެ.
ޑރ. މުއިއްޒުގެ ރިޔާސީ ކެންޑިޑޭސީ އީސީން ބަލައިގަތުމާ އެކު ޕީޕީއެމްގެ މެނަބަރުންނާއި ސަޕޯޓަރުންނަށް ކޮންމެ ވެސް ވަރެއްގެ ޝޮކެއް ލިބި، ކުރިޔަށް ދާންވީ ގޮތް އޮޅުނު ކަމަށްވި އެވެ. އެކަން އެހެން ހިނގަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީން ޑރ. މުއިއްޒަށް ތާއީދުނުކުރައްވާ ކަމަށް ފެތުރުނު އަޑުކަމުގައި ވެދާނެ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ "ފުރިހަމަ ތާއީދު" ލިބި ޕާޓީގެ އެތެރޭގެ މަސްރަހު ހަމަޔަކަށް އެޅި މިހާރު ވަނީ ކެމްޕޭން ފަށައިފަ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ހަމަޖެހި، ކެމްޕޭން ފަށާފައިވާއިރު ޕީޕީއެމްގެ މެންބަރުންނަށް އެ ޕާޓީގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަނުކުރާ ކަމުގެ ފަޅުކަން އެބައޮތެވެ. އެކަމުގެ މާޔޫސްކަން އެ ޕާޓީގެ މެންބަރުންނަށް ވެސް އިހުސާސް ކުރެވެ އެވެ. އެ މާޔޫސްކަމާއި ފަޅުކަން އޮތް ކަމަށް ވިޔަސް މިފަހަރުގެ އިންތިޚާބަށް ޕީޕީއެމަށް "މުއިއްޒު ނޫން ގޮތެއް" ނެތެވެ.