ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ އިސްވެއޮވެ ހަދާފައިވާ ކޯލިޝަނާ ވާދަކޮށްލެވޭ ވަރުގެ ޕާޓީއެއް ވެސް އަދި ކޯލިޝަނެއް ވެސް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިނަށް އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބޮޑުފުޅަދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަންއަކީ އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. އަދި 80 ހާހަށް ވުރެ ގިނަ މެމްބަރުން ކޯލިޝަންގައި ތިބިކަން ރައީސް ފަހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މީ އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެހެން ޕާޓީތަކަށް ކައިރި ވެސް ކޮށްނުލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީތަކަށާ އަދި ކޯލިޝަންތަކަށް އެމްޑިޕީ ކޯލިޝަންއާ ކެމްޕެއިން ކުރުމުގައި ވެސް ވާދަކޮށްނުލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ޕާޓީތަކަށް ކެމްޕެއިނެއްގައި ވެސް އަޅުގަނޑުމެންނާ ކައިރިއެއް ވެސް ނުކޮށްލެވޭނެ. ރައްޔިތުންނާ ގާތުން ބައްދަލުކުރަން ވިޔަސް ރައްޔިތުންނަސް ކޮށްދޭން ހުރި ކަންތައްތައް ވައުދުވުމަށް ވެސް އެއިން އެއްވެސް ބޭފުޅަކަށް ކައިރިއެއް ވެސް ނުވެވޭނެ އަޅުގަނޑުމެންނަކާ،" ރައީސް ވިދާޅުވި އެވެ.
އެހެންވީމާ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ރިޔާސީ އިންތިހާބުގައި މިކަންކަމާމެދު ވިސްނާ ބޭކާރު ގޮތުގައި ވޯޓު އެއްލާ ނުލާ އެމްޑީޕީއަށް ވޯޓު ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައި ވަނީ އަދަލަތު ޕާޓީ އާއި އެމްޑީއޭ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މީގެ ކުރިއަށް ބަލާއިރު މިފަދަ ރަށްތަކަކީ އެކި ސަރުކާރުތަކުން ބާކީ ކޮށްފައިވާ ރަށްތައް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފަނުގެ ސަރުކާރުގައި ތަރައްގީ ގެނެސްދިނީ އެއްވެސް ރަށެއް ބާކީ ނުކޮށްކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެމަނިކުފަނު ވެރިކަމަސް ވަދައިގެންނެވި އިރު އަސާސީ ހިދުމަތް ބޭނުންނުވާ އެއްވެސް ރަށެއްނެތް ކަމަށާ އެހެން ވާން ޖެހުނީ ކުޜި ސަރުކާރުތަކުން އަޅާ ނުލުމުން ކަމަށްވެސް ވިދާޅުވި އެވެ.