އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާލެ ސިޓީގައި ކެމްޕޭން ބެނާތައް ދަމާއިރު ފުލުހުންގެ ކެމެރާތަކާއި ޓްރެފިކް ލައިޓުތަކަށް ހުރަސްނޭޅޭގޮތަށް ދެމުމަށާއި މިހާރު އެގޮތަށް ދަމާފައިވާ ބެނާތައް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ސަބަބުން އެތަކެތީގެ ބޭނުންކުރުމަށް ދަތިތަކާ ކުރިމަތިވާތީ އެކަން އެގޮތަށް ނުކުރުމަށް ހަބީބު ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިހާރު އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އީސީ އިން މިހާރު ވާނީ އަންގާފައި ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއެކީގައި އީސީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައްދަލުކުރި ދުވަހު ވެސް މި ވާހަކަތައް ވާނީ ދަންނަވާފައިވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

"އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް މަގުތަކުގަޔާއި، އިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރުމަށް އެދޭ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު ޕާޓީތަކުގެ ދިދަފަތިތައް ވަނީ މަގުތަކުގައި ދަމާފަ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ވައުދުތަކުގެ ޕޯސްޓަރުތައް ދަނީ މަގުތަކާއި އިމާރާތްތަކުގައި ހަރުކުރަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރާއިރު މިއިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން މާލޭގައި ބަހައްޓާނީ ޖުމްލަ 176 ވޯޓް ފޮށްޓެވެ.