ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ނެތް ކަމަށް ބުނެ ދައްކަނީ ފިތުނަ އުފައްދަން ފަތުރަމުންދާ ދޮގު ވާހަކަ ތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒުއަށް ނެތް ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ އިއްޔެ ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި ލިބުނު ހުސްވަގުތު ކޮޅުގައި ކޯޓުގައި ހުންނަވައި މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއާ މުހާތަބުކުރައްވައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކެކެވެ.

ރައީސް ޔާމީން ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައި ވަނީ މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމީން މުއިއްޒުއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް ރައްދުކުރި ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ޅ. ނައިފަރުގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީީންގެ ތާއީދު މުއިއްޒުއަށް ނެތް ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.

ޅ.ނައިފަރުގައި ބޭއްވި ކެމްޕެއިން ޖަލްސަގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ދެ ބޭފުޅުން ދޭތެރޭ ފިތުނަ އުފައްދައިގެން މެމްބަރުންގެ ހިއްތަކުގައި ޝައްކު އުފައްދަން ނޫޅުމަށް އަދުރޭ ގޮވާލެއްވި އެވެ.

"ރައީސް ޔާމީނާއި މުއިއްޒުއާ ދެމެދު ފިތުނަ އުފައްދައިގެން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ބައިބައެއް ނުވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ ބައިބައެއް ނުވާނެ، އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ކޯލިޝަން ރޫޅާލަން ބަޔަކު މަސައްކަތް ކުރާތާ ފަސް އަހަރުވެއްޖެ ކަމަށާ ދެން ވެސް އެކަން ނުވާނެ ކަމަށެވެ.

މުއިއްޒުއާ މެދު ހިއްހަމަ ނުޖެހިގެން ރައީސް ޔާމީން ވާހަކަދެއްކެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަކަކީ ސަރުކާރުން އިންތިހާބުގައި ބަލިވާތަން ފެންނާތީ ދައްކަމުންގެންދާ ފިތުނައިގެ ވާހަކަތަކެއް ކަމަށެވެ.