ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

"އުފާވެރި މާލެ" ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މުއިއްޒު މާލޭގައި ހިންގާފައިވާ ޖަރީމާތައް މާލޭ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެގޮތުން މާރިޔާ ވަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު މާލޭގައި ތަރައްގީ ކުރި ރަސްފަންނު ބީޗަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި މޮޅު އިންޖީނިއަރެކޭ ބުނެ ދެކުނުފަރާތުގަ ނެރެއް ކަނޑާ ހިނގި އެކްސިޑެންޓަށް ޒިންމާވާން ޖެހޭނީ މުއިއްޒު ކަމަށާއި، ގުޅިފަޅު ފްލެޓްތަކުގެ އަހުލުވެރިން އެސްއޯ ފުލުހުން ލައްވާ ބޭލީ މުއިއްޒު ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ޒަމާނީ ހައުސިން ކަމަށް ވިދާޅުވެ، ނުއަގުގައި ދިން ހިޔާ ފުލެޓުތައް ދިނުމަކީ ގެއްލުމެއް ކަމަށެވެ. އަދި، މުއިއްޒު ހިންގި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނު ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މާބަލް ޖެހުމުން އެއީ ފެންވަރުދަށް ޓައިލެކޭ ބުނީ މުއިއްޒު ކަމަށާއި، ކަދުރު ރުއްތައް މިލިކަމުގެ ޒިންމާ ނަގަން ޖެހޭނީ މުއިއްޒު ކަމަށެވެ.

އަދި މާލޭގެ ރައްޔިތަކު މަރުވުމުން ޖަނާޒާ ބޭއްވޭނެ ގޮތަށް ހުރަސް އަޅައި އާސަރަހާ ބަންދުކޮށް ހުޅުމާލެއަށް ބަދަލު ކުރީ މުއިއްޒު ކަމަށް މާރިޔާ ވިދާޅުވި އެވެ.

މިޖަލްސާގައި މާރިޔާގެ ވާހަކަ ބޮޑަށް ބިނާ ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒަށެވެ.

މާރިޔާ އަކީ ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު ނަމަވެސް, ރައީސް ސޯލިހާ ގުޅޭ މާބޮޑު ވާހަކައެއް މާރިޔާ ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ޑރ.މުއިއްޒާ ގުޅުވައި ހަގީގަތާއި ހިލާފު ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.