ރާއްޖޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ މިދައުރުގައި ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއްވެސް މަޝްރޫއަކުން ފައިސާ ވަދެފައިނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދާ ރިޔާސީ ދައުރަކީ ރާއްޖޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިންގި ދައުރު ކަމަށާއި ހުރިހާ ގޮތަކަށް ބެލި ނަމަވެސް އެކަން ފެންނަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއު ތަކުން އެމަނިކުފާނުގެ އެކައުންޓަށް އެއްވެސް ފައިސާ އެއް ވަދެފައިނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދައުރަކީ ހަމަ ގައިމު ވެސް ރާއްޖޭގެ ތާރީހުގައި އެއް ދައުރަކަށް އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގުނު ދައުރު. ހުރިހާ ރަށަކަށް ބެލި ނަމަވެސް އެކަން ފެންނާނެ. އެހެން ނަމަވެސް, ހަމަ ގައިމު ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފައި ނޯންނާނެ," ރައީސް ވިދާޅުވި އެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށްދިޔަ މަޝްރޫއުތައް ހިންގީ ބައެއް ފަރާތްތަކުގެ އަމިއްލަ އެކައުންޓަށް ފައިސާ ވަންނަ ގޮތަށް ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުތަކުގެ އަގު ބޮޑުވެގެން ދިޔަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެތައް ހާސް ޕްރޮޖެކްޓެއް އެއްފަހަރާ ފެށި ނިމެމުން މިދަނީ ހާމަކަމާއެކީގައި މިކަން އަޅުގަނޑުމެން ކުރާތީ، ދެފުށްފެންނަ ގޮތަށް މިކަން ކުރާތީ އަޅުގަނޑުމެންގެ ސިޔާސަތަކީ އެއީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުރިއަށް ގެންދާނީ އެގޮތަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެހެންވިޔަސް ރައްޔިތުން ގޮތް ނިންމަން ޖެހޭނީ ވިސްނުންތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި އިންތިހާބުވެވަޑައިގެންފިނަމަ ނޮޅިވަރަންފަރަށް ވެސް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމާއިސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން ހިމެނެ އެވެ.