އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ވޯޓު ދިނުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު މާކުރަތަށް ވަޑައިގެން އެރަށުގައި މިއަދު ހެނދުނު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަނެއްކާ ވެސް ބިރުވެރި، އަނިޔާވެރިކަމެއްގެ ތެރެއަށް އިޔާދަވާން ބޭނުން ނުވާ ނަމަ، އެމަނިކުފާނަށް ވޯޓު ދިނުން ނޫން ގޮތެއް ރައްޔިތުންނަށް ނެތް ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ދީފިނަމަ ދެވޭނީ ކުރިން އޮތް ބިރުވެރި ނާމާން ދުވަސްވަރުގެ ތެރެއަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ އަނިޔާވެރިކަމުގެ ތެރެއަށް ދިއުމަކީ އެއްވެސް ރައްޔިތަކަށް އޮތް ޗޮއިސްއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޑރ. މުއިއްޒު، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީގެން، ކާމިޔާބުވެއްޖެ ކަމަށް ވަންޏާ، އަނެއްކާވެސް އަޅުގަނޑުމެންނަށް އަނބުރާ މި ދެވެނީ އެ ބިރުވެރި، ނާމާން ކަމުގެ ތެރެއަށް. އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން. މި ގައުމަށް ވެސް އޮތް ޗޮއިސެއް ނޫން އެއީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިޔާސަތުތައް ރައްޔިތުންނަށް މިހާރު ފެންނާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯ ވެސް ރައްޔިތުން ބަލަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މެނިފެސްޓޯއާ ދެން ތިބި ކެންޑިޑޭޓުންގެ މެނިފެސްޓޯއާ ބޮޑު ތަފާތު ހުންނާނެ ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހިރާއްޖެއަށް ތަފާޓު ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ.

މިޖަލްސާގައި ރައީސް މާކުރަތަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. މިގޮތުން މާކުރަތުގެ ބިން އިތުރަށް ހިއްކަވައިދެއްވާ ބިން ބޮޑުކޮށް ރައްޔިތުންނަށް ބޭނުންވާ ހައުސިންގ ޔުނިޓްތަކެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަށުގައި ފެންބޮޑުވާ މަގުތަކުގައި ތާރައަޅުއްވައި ދެއްވާނެ ކަމަށާއި ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިދައުރު ނިމުމުގެ ކުރިން މާކުރަތު މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ ނުވަތަ އާރުޑީސީ އާއި ހަވާލު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް ކުރިއަށް އޮތް ދައުރުގައި އަޅައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ސުކޫލަށް ދިމާވެފައިހުރި މައްސަލަތައް ހައްލުކޮށްދެއްވާ މާކުރަތު ސުކޫލުގައި މަލްޓިޕާޕޯސް ހޯލެއްވެސް ކުރިއަށް އޮތް ދައުރުގައި އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.