މަސްވެރިކަމުގައި އާއްމުކޮށް ބުނެ އުޅޭ ބަހެކެވެ. މަދުން މަސް ބާނައިގެން ލަފައިފި ނަމަ "ތެޔޮ ގަނެލާހާވަރު ވެސް މިއަދު ނުވެއޭ" ބުނެ އުޅެނީ ތެލަށް ކަނޑާފައި ވެސް އެއްޗެއް ނުލިބުމުންނެވެ.
އިއްޔެ ނިމުނު ރިޔާސީ އިންތިޚާބުގައި ކާނަލް މުހައްމަދު ނާޒިމަށް މި ވަނީ އެފަދަ ގޮތެއްވެފަ އެވެ. އިންތިޚާބަށް ދުރާލައި ކެމްޕޭން ފަށައި ޖަގަހަތައް ހުޅުވައި ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރައްވައި ބޮޑު ޚަރަދެއް ކުރެއްވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެންއެމްޕީ) ކެންޑިޑޭޓް ނާޒިމަށް 2،000 ވޯޓު ވެސް ހަމަނުވާނެ ކަމަށް ގަބޫލްކުރާނީ ކާކުތޯ އެވެ. އިންތިޚާބުގެ ކުރިން އެކަން ގަބޫލްކުރާނެ މީހުން ހަމަގައިމު ވެސް މަދުވާނެ އެވެ.
އެކަމަކު 9،838 މެންބަރުން ތިބި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ނާޒިމަށް މި އިންތިޚާބުގައި ލިބިވަޑައިގެންނެވީ އެންމެ 1،892 ވޯޓެވެ. ވޯޓުލީ މީހުންގެ އެއް ޕަސެންޓް ތާއީދު ވެސް ލިބިވަޑައިނުގަތެވެ. އަށް ކެންޑިޑޭޓުންގެ ތެރޭން ދިޔައީ ފަހަތުން ދެވަނަ އަށެވެ. އެންމެ ފުލުގައި އޮތީ ދެމަފިރިންނާ އެކު އިންތިޚާބަށް ނުކުތް ކެންޑިޑޭޓެކެވެ. އެހެންވެ އެއީ ސީރިއަސް ކެންޑިޑޭޓެއް ކަމަށް އާއްމުން ބަލައެއް ނުގެނެ އެވެ. އެއާ ޚިލާފަށް ނާޒިމަކީ ސިޔާސީ ވަރުގަދަ ބޭފުޅަކަށް ވާތީ އޭނާ އަށް ރަނގަޅު އަދަދެއްގެ ވޯޓު ލިބޭނެ ކަމަށް އުއްމީދު ކުރެވުނެވެ. އެކަމަކު ހަގީގަތަކީ ސީރިއަސްކޮށް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭން ފުލަށް ދިޔައީ ނާޒިމް ކަމެވެ.
ސަބަބެއް ނޭނގެ އެވެ. އެ ޕާޓީން ބުނެފައި ވަނީ އުއްމީދު ކުރި ވަރަށް ވުރެ ނަތީޖާ މާބޮޑަށް ވެސް ދަށްވި ކަމެވެ. އަދި އެކަމުގެ ސަބަބު ހޯދަމުންދާ ކަމަށް ބުނެފައިވެ އެވެ. އާއްމުންގެ ތެރޭން ބައެއް މީހުން ބުނާ ގޮތުގައި ނާޒިމްގެ މުއްސަނދިކަމުގެ ނާޖާއިޒް ފައިދާ ގިނަ ބަޔަކު ނަގައި އޭނާ އަށް ލަނޑު ދިނީ އެވެ. އަނެއް ބަޔަކު ގަބޫލްކުރާ ގޮތުގައި 2012 ގައި ވެރިކަން ވައްޓާލުމުގައި ނާޒިމް އަދާކުރި ރޯލު އާއްމުން ބަލައި ނުގަންނަނީ އެވެ. އޭނާ އަށް އެއް ބަޔަކު އަދިވެސް މުޚާތަބު ކުރަނީ ވެސް ބާޣީގެ ނަމުންނެވެ. ނަމަވެސް ނާޒިމް ވިދާޅުވަމުން ގެންދަވަނީ އޭނާ އަދާކުރީ ގައުމީ ޒިންމާއެއް ކަމަށެވެ.
ރާއްޖޭގެ އުތުރުން ދެކުނަށް ގިނަ ރަށްތަކަކަށް ދަތުރު ކުރައްވައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ބޮޑެތި ކެމްޕޭން އެއްވުންތައް ބޭއްވި ނާޒިމްގެ އެންމެ ފަހު މަންޒިލަކަށް ވަޑައިގެންނެވީ އޭނާ މަޖިލިސް މެންބަރުކަން ކުރައްވައި ދަގެނތީ ދާއިރާގެ މައި ރަށް ކަމަށްވާ އދ. ދަގެނޗަށެވެ. އެ ދާއިރާގެ މެންބަރު ކަމަށް ނާޒިމް އިންތިޚާބުވެވައިގެންނެވީ 1,071 ވޯޓާ އެކު ކަމަށް ވިޔަސް އިއްޔެގެ އިންތިޚާބުގައި ދަނގެތީގައި ބެހެއްޓި ދެ ފޮށިން ވެސް ނާޒިމަށް ލިބިވަޑައިގެންނެވީ އެންމެ ފަސް ވޯޓެވެ. އިންތިހާ ދަރަޖައިގެ ދަށް ނަތީޖާއެކެވެ. ނާޒިމް އެރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރާ މުޅިން ތަފާތެވެ.
ގާސިމް އިބްރާހިމްގެ ބޮޑު ތާއީދެއް އޮންނަ ދަނގެތީ ދާއިރާ އަށް ނާޒިމް ކުރިމަތި ލެއްވީ ގާސިމްގެ ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެހެންވެ އެ ފަހަރު އިންތިޚާބު ކާމިޔާބު ކުރެއްވީ ގާސިމް އާއި ޖޭޕީ އަށް ޓަކައި މީހުން ދިން ވޯޓުން ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތެވެ.
ނާޒިމްގެ ކެމްޕޭނުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ އެމަނިިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ވެސް އެހެން ދިމާލެއްގައި ހުންނެވި ތަނެވެ. އެމްޓީސީސީގެ ހީވާގި، ހިންގުންތެރި ސީއީއޯ އާދަމް އާޒިމް ގެންދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަމުންނެވެ. ނާޒިމްގެ އަރިހުން ބޮޑަށް ފެނުނީ 2012 ގެ ވެރިކަން ބަދަލުވުމުގައި ބާޣީއެއްގެ ދަރަޖަ ދިން އަނެއް ބޭފުޅާ ކަމަށްވާ އަބްދުﷲ ރިޔާޒެވެ.
ހާހާ ހާހާ ސަޅި ސުރުހީއެއް، ބާގީންނަށް ވާނީ ތިވަރު. ރައްޔިތުން ކައިރިއަށް އަންނަ އިރު ތިމާ އުޅެވިފަ ހުރި ގޮތް ބަލަންވާނެ