މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބައެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރާނެ ފަރާތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މި ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ޖޭޕީން ބުނެ އެވެ.

"ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމިއޮންނާނެ ކަމުގައި ދަންނަވަމެވެ." ޖޭޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް އިންތިހާބުން ލިބިޑައިގަތީ އެންމެ ދެ ޕަސެންޓް ވޯޓެވެ. އެއީ އެންމެ 5،460 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ގެންދަވަނީ އެހެން ފަރާތްތަކާ އެކު މަޝްވަރާތައް ކުރައްވަމުންނެވެ.