މިސަރުކާރުން ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާ ނުލައްވާނެ ކަމަށާއި އެމަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރަށް ވުރެން ފުރިހަމަކޮށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް މިއަދު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ބޮޑުފުޅަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި މިހާރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ މަޝްރޫއުތައް ވެސް ހުއްޓާ ނުލައްވާނެ ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ހިންގަމުންދާ ހުރިހާކަމަކީ ހުއްޓާލުމެއް ނެތި ކުރިއަށް ގެންގޮސް މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސް ދޭނެ މަޝްރޫއުތަކެއް ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ބޮޑުފުޅަދޫގައި މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ހުއްޓާނުލާނެ ކަމަށާއި އެ މަޝްރޫއުތަކުން ރައްޔިތުންނަށް އިތުރަށް ފައިދާވާނެ ގޮތެއް ހައްދަވާނެ ކަމަށެވެ. އެގޮތުން ރަށް ބޭނުންވާ ވަރަށް ބިން އިތުރުވެގެން ދިއުމަކީ ރަށުގެ އުންމީދުތަކާއި ޒުވާނުންނާ ކަނބަލުންނާއި އެކިއެކި ވިޔަފާރިތައް ކުރާ ފަރާތްތަކާ ގުޅިފައިވާ ކަމެއްކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވި އެވެ.
އެފަދައިން ބިން އިތުރުކުރުމުން ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެކިކަހަލަ ދަނޑުތައް އެޅިގެން ދާނެކަމަށާއި އެހެންވެ ރަށް ބޭނުންވާ ވަރަށް ބިން އިތުރުކޮށް ކުޅިވަރުގެ އެކިކަހަލަ ފެސިލިޓީސްތައް ގާއިމްކޮށްދިނުމަކީ އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރަށް ކްލާސްރޫމް ޖާގަ ސްކޫލަށް އިތުރުކުރުމަކީ ތައުލީމީ ނިޒާމަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ބޮޑުފުޅަދޫއަށް ބޭނުންވާ ވަރަށް ސްކޫލަށް ޖާގަ އިތުރުކޮށްދެއްވާނެ ކަމަށެވެ.
"ޓޫރިޒަމާ ގުޅިފައިވާ ކަންކަމަށްބަލާއިރު އަޅުގަނޑުމެންގެ ސިޔާސަތަކަކީ ޓޫރިޒަމް އެންމެ ފުޅާކުރުން. އާމްދަނީ އިތުރުކުރެވެން އޮތީ ޓޫރިޒަމް ފުޅާކޮށްގެން. މި ސަރަހައްދަކީ ޓޫރިޒަމް ފުޅާކޮށް އޮތް ސަރަހައްދެއް. އެންވީމަ ޓޫރިޒަމް ފުޅާކުރުމަށް މިރަށުގެ ބިމުގެ ބޭނުންކުރާއިރު ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވަނީ ތަރައްގީއާ ގުޅިފައިވާ ކަންކަން އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ޕީޕީއެމް ޕީއެންސީގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުއްވާފަ އެވެ.