ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކުރި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން ހުށަހެޅީ ވެރިކަމުގެ ނިޒަމު ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަތީ ޕީޕީއެމްއިން އެކަނި ކަމަށާއި އެހެންވެ މިހާރު މަޝްވަރާ ކުރިއަށްދަނީ އެމްޑީޕީއާއެކު އެކަނި ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސްގެ އޮފީސް ހުންނަ ހ. މައިޒާން ދޮށުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާގައި ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ވެސް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ކަމަށެވެ.

ހަސަން ވިދާޅުވީ އެއްވެސްކަމަކާ އެއްބަސްވެ، ސޮއިކޮށްގެން ކުރިއަށްދާން ޕީޕީއެމުން އެއްބަސްނުވާ ކަމަށާ އެހެންވެ، އެ މަޝްވަރާތައް މިހާރު ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިހާރު މަޝްވަރަތައް ކުރިއަށް ދަނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ދަތި އެއްޗެއްގައި ސޮއިނުކޮށް، ކުރިއަށްދާން. އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއް ޑިމޮކްރެޓްސްއަކީ ވެސް. ޕާޓީގައި އޮންނަން ޖެހޭނެ، ޕާޓީން އެއްބަސްވާ ކަންކަން ފެންނަން. ދެ ފަރާތުގެ މެދުގައި ސޮއިކޮށްގެން މަސައްކަތް ކުރުމަށް ޕީޕީއެމްއިން އެއްބަހެއް ނުވޭ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެމްޑީޕީން އަދި ވަކި ގޮތެއް އެކަމުގައި ނުނިންމާ ކަމަށާ ނަމަވެސް އެމްޑީޕީއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.