ފައިސާ ފޮތީގެ އެއް ފުށް ފެންނަ ބަޔަކަށް އިގްތިސޯދު ނުދެމެހެއްޓޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދުދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިސަރުކާރުން ނަގާފައިވާ ލޯނުތައް ރީފައިނޭންސް ކުރުމަށް އެކި ގައުމުތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވެފައިވާތީ އެވެ.

މާފަންނު ގައި ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ފައިސާ ފޮތީގެ ދެ ފުށް އޮންނަކަން އެނގިގެން ކަމަށެވެ. އަދި ފައިސާ ފޮތީގެ އެއް ފުށް ފެންނަ ބަޔަކަށް އިގްތިސޯދެއް ނުދެމެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރަށް އަވައްޓެރި ގައުމުތަކުންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ލޯނު ދެނީ މިސަރުކާރަށް އެލޯނު އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމުތަކުން ފައިސާ ހޯދުމަށްވެސް ކުރަންޖެހޭ ކަންކަން ހުންނަ ކަމަށެވެ. އަދި ގައުމުތަކުން ލޯނު އެހީ ލިބޭނީ އެގައުމުތަކާއި އެކު އޮންނަ ގުޅުން ދެމެހެއްޓުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގައުމުތަކަށް މިސަރުކާރާއި މެދު އިތުބާރު ގާއިމްކުރެވިފައި އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީ ސަރުކާރަށް ލޯނު އެހީ ނުލުބުނީ ދޭދޭ ގައުމުތަކާއި އެކު އޮންނަ ގުޅުން ކަނޑާލުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެވަރުގެ ބަޔަކަށް ދެއްކޭނެ ލޯނެއް ލިބޭނެ ލޯނެއްވެސް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެސަރުކާރަށް [ރައީސް ޔާމީންގެ ސަރުކާރަށް] އެކަން ނުކުރެވުނީ ކީއްވެގެން ހާރިޖީ ސިޔާސަތުތައް ދޭދޭ ގައުމުތަކާ އޮތް އިތުބާރު ކުރެވޭ ހާރިޖީ ސިޔާސަތުތައް ނެތުމުގެ ސަބަބުން. ކޮމަންވެލްތުން ވަކިވީ ގަތަރާ ގުޅުން ކަނޑާލީ، އަދިވެސް އެނޫން މާލީ އިދާރާތަކާއޮތް ގުޅުން ކަނޑާލީ. އަވައްޓެރި ގައުމުތަކާއެކު ނެތް ރަހުމަތްތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން އެދުމުން ލޯނު ދޭނެ ކިތަންމެ ފަރާތްތަކެއް އެބަހުރި ކަމަށާ މާލީ އިދާރާތަކުން ލޯނު ދެނީ އިތުބާރު ދަމަހައްޓާތީ ކަމަށާ އެ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ރިޔާސީ މި އިންތިހާބުގައި ކުރެވޭ ކަމަކުން އިންތިޚާބު ގެއްލިއްޖެ ނަމަ މިގައުމު ބަނގުރޫޓުވެގެން ދާތަން ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ލޯލާރިއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށާ އެމަނިކުފާނާ ދޭތެރޭ ކުރާނެ އެއްވެސް ތުހުމަތެއް ނޯންނާނެ ކަމަށެވެ.