މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ނިންމަވައިފި އެވެ.

އެމްއެމްއާރުގެ ރައީސްކަން ވެސް ކުރައްވާ ފާރިސް މިގޮތަށް ނިންމާފައިވާއިރު ދެވަނަ ބުރަށް ދަތުރުކުރި އެމްޑީޕީންނާއި ޕީޕީއެމް/ޕީއެންސީން އެޕާޓިތަކާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ފާރިސްއަށް ލިބިވަޑައިގަތީ 2،979 ވޯޓެވެ. އެއީ 1.45 އިންސައްތަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ފުރަތަމަ ބުރުގައި އޭނާއަށް ލިބުނު ވޯޓަށް ބަލާއިރު މާބޮޑު ތާއީދެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން. އަޅުގަނޑުމެންގެ ޓީމުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން އަޅުގަނޑުމެންނަށް ވޯޓު ދިން ބަޔަކާ ނުވަތަ އެއަށްވުރެ އިތުރު ބަޔަކު ވެސް އެގޮތަށް އަމަލުކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ފާރިސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި، ޕީއެންސީ/ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް 11 ޝަރުތެއް ފާރިސް ވަނީ ހުށަހާޅައިފަ އެވެ

ފާރިސްގެ އެ ހުށައެޅުއްވުންތަކަށް ޕީޕީއެމް/ޕީއެންސީން ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އެމްޑީޕީން ޖަވާބު ދެއްވި ނަމަވެސް، އެއީ ފާރިސް އެދޭ ގޮތަށް ގަބޫލުކޮށްފައިވާ ކަންކަން ނޫން ކަމަށް ވަނީ ހާމަކުރައްވާފަ އެވެ.

ފާރިސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.