އަންނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އައިސްފައިވާ ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުންގެ މަތިންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އިތުރުވި 6 ދާއިރާ:
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ރިޕޯޓުގައި ބުނާ މިބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އަންނަނާނެ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުވެފަ އެވެ.
މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 3:00 ގެ ނިޔަލަށް އިކެލްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. ނަމަވެސް 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު, ދެން އިންތިހާބު ކުރާ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު 93 އަށް އަރާނެ އެވެ.
އެންމެ ފަހުން 2019 ގައި ހޮވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ވެސް، 18 ވަނަ މަޖިލީހުގައި ތިބި ޖުމްލަ 85 މެންބަރުންގެ އަދަދަށް ދެ ގޮނޑި އިތުރުކުރި އެވެ.
މިހާރުއޮތް ވަރަށް ވުރެ ގޮނޑި އިތުރުކުރާކަށް ނުފެނޭ