އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބުކުރެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ މޯދީ "އެކްސް"ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

އިންޑިއާއިން މުއިއްޒަށް މަރުހަބާ ވިދާޅުވެފައިވާއިރު, މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ކަމަށް ބުނާ ވާހަކަ އެވެ. އަދި އެފަރާތްތަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ތަކުރާރުކޮށް ދަނީ އިދިކޮޅުން ވިދާޅުވަމުންނެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު ވެސް ވަނީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލާ, ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 54 ޕަސެންޓުންނެވެ. އެއީ 127,000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.