މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކާ އަދި އެ މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރުންފަދަ ކަންކަން އިންތިގާލީ މަރުހަލާގައި ކުރިއަށް ގެންދެވޭނެ ކަމަށް ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.
އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.
ޕީސީބީން ބުނެފައި ވަނީ މުޅިން އަލަށް އެއްވެސް މަޝްރޫއެއް ނުހިންގުމަށާއި ކުންފުނިން ބޮޑު ހަރަދެއް ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށެވެ.
މިހާރު ކުންފުނިތަކުން ސަޕްލަޔަރުންނާ އަދި ކޮންޓްރެކްޓަރުންނާ ވާހަކަ ދެކެވިފައިވާ މަޝްރޫއުތަކާ އަދި މިހާރު ހިންގަމުންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ޕީސީބީން ބުނެ އެވެ. އެހެން ނަމަވެސް އެފަދަ ކަންކަން ވާންވާނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ލާބަޔާ މަންފާހުރި މަޝްރޫއުތަކަށް ކަމަށެވެ.
ކުންފުނިތަކަށާ ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެއުމަށް ވެސް ޕީސީބީން ވަނީ އަންގައިފަ އެވެ.
ސަރުކާރުން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމްދު ސޯލިހުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ.
ސަރުކާރުގެ މުއައްސަސާތަކަށް މީހުން ވަޒީފާއަށް ނުނެގުމާއި އެއްވެސް ގައުމަކާ އެކު އެގްރިމަންޓެއް ނުހެދުމާ އެކު ސަރުކާރުން މިހާރު ކުރަމުން އަންނަ ބައެއް ކަންކަން މަޑު ޖައްސާލަން އެދި ޑރ. މުއިއްޒު ވަނީ ރައީސް ޞޯލިހް އަށް ސިޓީފުޅެއް ފޮނުއްވައުފަ އެވެ.