ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސަރުކާރު ހިންގުމުގެ އެކި މަގާމުތަކުގައި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން ތިބޭނެ ކަމަށް ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު އިންތިހާބުވުމާ އެކު ޑިމޮކްރެޓްސް އިން ގެންދަނީ އެންމެ ފުރަތަމު ދުވަހުން ފެށިގެން ޑރ. މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިބޭނެ ކަމަށް ވިދާޅުވަމުންނެވެ. ޑިމޮކްރެޓްސްގެ ބާނީ ރައްޔިތުންގެ މަޖިީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މުއިއްޒުގެ ސަރުކާރު ހިނގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ އުންމީދު ކުރައްވަވީ ޑރ. މުއިއްޒުގެ ސަރުކާރު ހިނގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށެވ. އެޕާޓީ އޮންނާނީ ހަމައެކަނި ލަފާ ދިނުމާއި މަޝްވަރާ ކުރުމަށް އެކަނި ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ސަރުކާރު ހިނގުމުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރު ހިނގުމުގައި ވެސް ބައިވެރިވުން. ކޮންމެހެން ދެން ސަރުކާރުގެ މަޝްވަރާއަށް ލަފާދިނުމާއި އެގޮތް ގޮތުން ބައިވެރިވުން އެކަންޏެއްނޫން. ސަރުކާރު ހިނގުމުގައި ވެސް ބައިވެރިވުން އެ މާނައިގައި އޭރުވެސް އަޅުގަނޑު އެވާހަކަ ދެންނެވީ. މިހާރު ވެސް މި ދަންނަވާނީ. ސަރުކާރު ހިނގުމުގަ އޭގެ މާނަ އަކީ ސަރުކާރު ހިންގުމުގެ މަގާމުތަކުގައި ވެސް ޑިމޮކްރެޓުންގެ މެމްބަރު ންވެސް ތިއްބެވުން،" ހަސަން ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވި ނަމަވެސް ޕީޕީއެމް - ޕީއެންސީން އެކަމުގައި ގޮތެއް ހާމައެއް ނުކުރު އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގައި ވަކި ޕާޓީއެއްގެ މީހަކަށްވީތީ ބައިވެރިނުކޮށް ނުހުންނަވާނެ ކަމަށެވެ. ސަރުކާރު ހިނގާނީ ވީހާވެސް ގިނަ ހިޔާލުތަކުގެ މީހުންނާ އެކު ވީހާވެސް ގިނަ މީހުން ޝާމިލުވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.