އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ރާއްޖެއާ ގާތްގުޅުން އޮންނަ ހުރިހާ ގައުމަކަށް ދައުވަތު ދޭނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވަކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ ގައުމުތަކަކަށް ދައުވަތު ދެއްވާނެ ކަމަށެވެ. އެގޮތުން ރާއްޖެއާ ގާތް ގުޅުން ބައްވާ ހުރިހާ ގައުމުތަކަށާއި ރާއްޖެއާ އަވައްޓެރި ގައުމުތައް ހިމެނޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ އަވައްޓެރި ހުރިހާ ގައުމަކަށާއި ރާއްޖެ އާއި ގާތްގުޅުން އޮންނަ ހުރިހާ ގައުމެއްގެ ވެރިންނަށް ވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަން،" ފިރުޒުލް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ ހަމަޖައްސަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެ އިންތިހާބު ކާމިޔާބު ކުރެއްވެވި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފަ އެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.