އަދުލު އިންސާފުގެ ނިޒާމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހުރަށް އަޅަމުން އަންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނޭ ޑރ.ޖަމީލު ޕީޖީ ޝާމީމަށް މިފަދަ ތުހުމަތެއް ކުރެއްވީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ މިއަދު ބޭއްވުމަށް ތާވަލު ކުރެއްވުމަށްފަހު ޕީޖީ އެދިގެން އެމައްސަލަ ކެންސަލު ކުރެއްވުމާއި ގުޅީގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއަދު ބެއްވުމަށް ހަމަޖެހިފައވާ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލު ކުރެއްވީ ޕީޖީ އޮފީހުން ތައްޔާރު ނުވެވޭތީ ކަމަށެވެ. އަދި މިކަމަކީ ބަލައިގެނެވޭނެ ކަމަށް ނޫން ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވި އެވެ.

"ނިމުމެއް ނެތް އަނިޔާއަކަށް މިކަންވެއްޖެ. މިއީ ސަމާސާއަކަށްވެ އަދުލު އިންސާފަށް ޕީޖީ ހުރަސްއަޅާއިރު، ޝަރުއީ ކޯޓްތައް މިކަންތައް ތަހައްމަލްކުރާނީ ކިހާމިންވަރަކަށްތޯ؟ ޕީޖީގެ މައްޗަށް ފިޔަވަޅު ނައަޅަނީ ކީއްވެތޯ؟ އަނިޔާ ލިބޭފަރާތުގެ ދުޢާ މާތް اللہ އިޖާބަ ކުރައްވާހުށި." ޑރ.ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވަނީ ޕީޖީ ޝަމީމާ މެދުގައި ފިޔަވަޅު ނާޅަނީ ކީއްވެގެން ތޯ ސުވާލުކުރައްވާފަ އެވެ.

https://www.facebook.com/photo?fbid=753181433282765&set=a.321515616449351

މިދޔަ މަހު ބާއްވާ އުޅުނު ޝަރީއަތް ވެސް ޕީޖީ އޮފީހުން އެދިގެން ވަނީ ކެންސަލު ކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ޕީޕީއެމްގެ އިސްބޭފުޅުން އެކި މުއައްސަސާތަކަށް ވަޑައިގެންފަ އެވެ.