ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅެގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. އެބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީން ބުނީ ނަޝީދުގެ މައްސަލަ ފާސް ވާވަރަށް މެމްބަރުންގެ ސޮއި ހަމަވާނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާނީ އެއަދަދަށް ސޮއި ހަމަކޮށްފައި ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
މީގެ ކުރިން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނީ ހުއްޖަތުތަކެއް ދައްކަވައި ނަޝީދު ވަނީ އެ ދެ މައްސަލަ ކުރިއަށްގެންދަން ދެކޮޅު ހައްދަވާފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ވަނީ އެ ދެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ނަޝީދާއި އީވާގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ގާނޫނީ ހުއްޖަތުތައް ދައްކާތީ އެމްޑީޕީން މިފަހަރު ހުށަހަޅަން ގަސްތުކުރަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.