މާލޭގެ މޭޔަރުގެ ހަސިއްޔަތުން މިރޭ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއެކު ވަދާއީ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.

މިދިޔަ މަހުގެ 30 ގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ކައުންސިލްގެ އެންމެ ފަހު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ

މާލޭ މޭޔަރުގެ ހައިސިއްޔަތުން އެ މަނިކުފާނު ވަދާއީ ބައްދަލުވުމަކަށް މިރޭ ވަޑައިގަންނަވާ އިރު މީގެ ކުރީން އެ މަނިކުފާނު ވަނީ ރައީސުލްޖުމްހުރިއްޔާ ކަމަށް ހޮވި ވަޑައިގަތުމާއެކު މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ދޫކޮށްލައްވާފަ އެވެ.

އިންތިހާބީ ރައީސް މުއިއްޒަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެމްޑީޕީއަށް ނިސްބަތް ނުވާ ފުރަތަމަ މާލޭގެ މޭޔަރެވެ. އަދި އެ މަނިކުފާނަކީ މޭޔަރު ކަމުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

އިންތިހާބީ ރައީސް މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވަނީ ހއ. ވަށަފަރަށެވެ.

މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުނުން މޭޔަރުގެ މަގާމު ހުސްވާނެ އެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މޭޔަރުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން ބޭއްވަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް މިހާރު އެމްޑީޕީން އަހްމަދު މަހްލޫފާއި ޑިމޮކްރެޓްސް އިން ސައިފް އާއި ޕީޕީއެމުން / ޕީއެންސީ ހުސައިން ވަހީދު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.