ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްލާމީ ދިރާސާތަކަށް ބިނާކޮށްގެން ގޮތް ނިންމުމަށް މަސައްކަތްކޮށްދޭ ބަޔަކަށް އިލްމުވެރިންނާއި ޔުނިވާސިޓީތައް ވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ އެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަން ޖެހޭނީ އަހުވަންތަ ގުޅުން ކަމަށާއި އެކަކު އަނެކަކާ މެދު ޒާތީވެ، ބަސްބުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ ދީނުގައި ވެސް މަނާ ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގައި ގާތްކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް، އެފަދަ މައުލޫމާތު ފޯރުކޮށްދޭން އިލްމުވެރިން ގެންގުޅޭ އުކުޅުތަކާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާތަކަށް ބިނާކޮށްގެން ގޮތް ނިންމުމަށް މަސައްކަތްކޮށްދޭ ބަޔަކަށް އިލްމުވެރިންނާއި ޔުނިވާސިޓީތައްވާން ޖެހޭ ކަމަށެވެ. އެފަދަ ދިރާސާތައް ކުރުމަށް ފައިސާ ފޯރުކޮށްދިނުމަށް ނެޝަނަލް ގްރާންޓް ފަންޑެއް ސަރުކާރުން ހަދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިލްމު ވެރިންނާއި އެކު މިއަދު ހަވީރު އިންތިހާބީ ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން:

"ސިޔާސީ މީހުން ތިބެފައި ހަމަ ކަމެއް ކޮށްލަން ނިންމީމާ އެއީ އަދި މާ ރަނގަޅު ގޮތަކަށް ނުވެދާނެ، އެކަމަކަށް ޔުނިވާސިޓީތަކުން ދިރާސާކޮށްދެއްވާ، އެކަމަށް ފެކްޓުތަކުގެ މައްޗަށް ބިނާކޮށް ރަނގަޅު އެނަލިސިސް ހަދައިގެން އަޅުގަނޑުމެންނަށް، ސިޔާސީ ކަންކަން ނިންމާ ފަރާތްތަކަށް، އެވިޑެންސް ބޭސްޑް، ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، މައުލޫމާތު ފޯރުކޮށްދެވޭ ކަމަށް ވަންޏާ ނިންމޭ ނިމްމުން ވާނީ އެނގިހުރެ ނިންމޭ ނިންމުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިލްމު ވެރިންނާއި އެކު މިއަދު ހަވީރު އިންތިހާބީ ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން:

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ނިންމުންތައް ނިންމަނީ މައުލޫމާތު ލިބިގެންކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.