ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޓްރާންސިޝަން ކޮމިޓީތަކުން މައުލޫމާތު ހޯދަން ބައެއް އޮފީސްތަކަށް ވަނުމުން މައުލޫމާތު ނުދޭން ގަދަ ހެދި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ޓްރާންސިޝަން މުއްދަތު ތެރޭގައި ޓްރާންސިޝަން ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި ކުންފުނިތަކަށް މައުލޫމާތު ހޯދުމަށް ދިޔުމުން ބައެެއް މުއައްސަސާތަކުން އެއްބާރުލުން ނުދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު، ޓްރާންސިޝަން ކޮމިޓީތަކަށް ފުރިހަމަ އެއްބާރުލުން ދޭ މުއައްސަސާތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޓްރާންސިޝަން ކޮމިޓީތަކުން އޮފީސްތަކަށް ވަނީމާ ވެސް ގަދަ ހަދަނީ ނުދޭން ބައެއް އޮފީސްތަކުން. ބައެއް އޮފީސްތަކުން އަޅުގަނޑު ހަމަ ފާހަގަކުރަން، ވަރަށް އެއްބާރުލުން އެބަ ދެއްވާ. ބައެއް އިދާރާ ތަކުން ވަރަަށް އެބަ ގަދަ ހަދާ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ގަދަ ހަދާ ތަންތަނުން މި ފެންނަނީ ތިލަފުށި ތަންތަނަށް ލިޔެކިޔުންތައް ގެންގޮސް ކޮންކްރީޓް ގަށާ މެޝިނަށް އަޅައިގެން ބައެއް ކަހަލަ ކަރުދާސްތައް އަންދާ ތަނެވެ. އެގޮތަށް މިކަންކަން ނުކުރުމަށް ޝިޔާމް އެދިވަޑައިގަތެވެ.

"މިއީ ތަހުޒީބު މުޖްތަމައުއެއްގައި ކަންކަން ހިނގަން ޖެހޭނެ ގޮތެއް ނޫން،" ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކަމަށް ބުނާ ލިޔުންތަކެއް ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ ކަމަށާއި އެކަމަކީ ރާއްޖޭގެ ތާރީހުން ދައްކާ ހަގީގަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ﷲ އިރާދަފުޅުން ދިވެހި ރައްޔިތުން މި ފުރުސަތު އަނެއްކާވެސް މިއޮތީ ޕީޕީއެމް/ޕީއެންސީއަށް ދެއްވާފައި. އަޅުގަނޑުމެން ސަރުކާރުގައިވެސް އަޅުގަނޑުމެންވެސް ހަނދާންކުރަން ޖެހޭ މިކަންކަން. ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ، އެކަމަކީ ރާއްޖޭގެ ތާރީހުންވެސް ދައްކާ ހަގީގަތް. އަޅުގަނޑުމެންގެ އަޒުމަކީވެސް އަދި އަޅުގަނޑުމެންގެ އިންތިޚާބީ ރައީސްގެ ވައުދަކީވެސް އަދި އެމަނިކުފާނުގެ އަޒުމަކީވެސް ދިވެހި ރައްޔިތުން އެދޭ އަމާޒަށް އަމާނާތްތެރިކަމާއެކީގައި ޒައާމަތެއް ފުރިހަމަ ކުރުން." ޝިޔާމް ވިދާޅުވި އެވެ.