ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް ނިންމާއި އެކަން އޮޑިޓަރު ޖެނަރަލް އޮފީހަށް އަންގާނެ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންތިގާލީ 15 ޓީމުން ކުރި މަސައްކަތުގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް ހިމެނޭހެން 77 އިދާރާއަށް ވަކިވަކިން ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

"މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވެފަ އެބަހުރި ހާއްސަ އޮޑިޓްތަކެއް ހަދަންޖެހޭ އިދާރާތަކަކާ ކުންފުނިތަކެއް. އަޅުގަނޑުމެން ގަސްދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި އޮޑިޓާ ޖެނެރަލް އަށް މި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް ދެންނެވުމަށް،" ފިރުޒުލް ވިދާޅުވި އެވެ.

އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ފެށީ މިމަހުގެ 4 ވަނަދުވަހު އެވެ. 21 ދުވަސް ތެރޭގައި ސަރުކާރުގެ 77 މުއައްސަސާއާއި ކުންފުނިތަކަށް ގޮސް އެތަންތަނުގެ މައުލޫމާތުތައް އެއްކުރިއިރު، ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާ ކަމަށް ފިރުޒަލް ވިދާޅުވި އެވެ. އަދި އިންތިގާލީ ކޮމެޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އެތަނެއްގެ ހާލަތު ދެނެގަތުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ، އިންތިގާލީ ކޮމެޓީތަކުން ޒިޔާރަތްކުރި މުއައްސަސާތަކުގެ ވަކިވަކި ރިޕޯޓްތަކުގައި، އެ މުއައްސަސާއަކުން ފާހަގަކުރެވުނު ކަންތައްތައް ހިމަނާ، އެ މައުލޫމާތުތައް ހިއްސާކުރާނެކަމަށެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިމަސައްކަތް ކުރިއިރު މުވައްސަސާތަކުގެ ހާލަތާއި ގުޅޭގޮތުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުންތައް ފާޅު ކުރައްވާފަ އެވެ.