ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްވެސް އަންނަ އާދިއްތަ ދުވަހަށް ހަމަވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ކުރުމަށް ދެ ގަޑިއިރު ވަނީ ކަނޑައަޅައިފަ އެވެ. އެއަށް ފަހު އެ މައްސަލާގައި ޖަވާބުދާރީވާން ރައީސް ނަޝީދަށް 30 މިނެޓު ލިބޭނެ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމަށް އެމްޑީޕީން ވަނީ ތުރީ ލައިން ވިޕެއް ނެރެފަ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން އެމްޑީޕީން ތުރީ ލައިން ވިޕެއް ނެރުނީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލްވުމުގައި ބައިވެރިވީ 33 މެންބަރުންނެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ އަންނަ އާދިއްތަ ދުވަހަށް ތާވަލު ކޮށްފައިވާއިރު އެ ޖަލްސާއަށް ހުރަސް އެޅުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރު ނުވާން ނިންމާފައިވާ ކަމަށް އިއްޔެ އެމްޑީޕީގެ ޕީޖީ ލީޑަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ.