އިންތިހާބީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު 17 ގަ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައީސްގެ ހުވާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގަ އެވެ. އެހެން ނަމަވެސް މިހާރު ސިޔާސީ މަސްރަހު މިއޮތް ގޮތުން އާ ރައީސް ހުވާ ކުރެވޭނެ ކަމާމެދު މިވަނީ ސުވާލު އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ވަނީ އެޖެންޑާކޮށްފަ އެވެ. މީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. މިފަހަރު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްވެސް އަންނަ އާދިއްތަ ދުވަހަށް ހަމަވެ އެވެ.

ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: މަޖްލިސް

ގާނޫނު އަސާސީގެ 205 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ނޯޓިހުގެ މުއްދަތު ހަމަވުމުން މަޖިލިސް ރައީސް ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ފަހު އެގަރާރަށް ބަހުސް ނުކޮށް އެހެން އެއްވެސް ކަމަކަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

205 ވަނަ މައްދާގެ (ރ)

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ އަމަލު ކުރާނެ ގޮތް ގާނޫނުގައި ބުނެފައިވެ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާ އިރު އެދުވަހުގެ ޖަލްސާއަށް ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ ކަންކުރާނެ ގޮތެއް ގާނޫނަކު ސީދާ ބުނެފައެއް ނުވެ އެވެ. ޖަލްސާއަށް ރައީސް ހާޒިރު ނުވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓަން ޖެހެނީ ނައިބު ރައީސް އެވެ.

މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން ރައީސްއާއި ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ އެދުވަހެއްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ގަވައިދުގެ މަތީން ކަމަށެވެ. އެއީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އެހެން ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއްގައި އެގޮތަށް އަމަލު ކުރުމަކަށް ބުނެފައެއް ނުވެ އެވެ.

އަންނަ އާދިއްތަ ދުވަހަށް ޖަލްސާ އެޖަންޑާކޮށް މަޖިލީހުގެ މެމްބަރުންނަށް މިހާރު ވަނީ އެޖެންޑާ ވެސް ފޮނުވާފަ އެވެ. އެހެން ނަމަވެސް އެދުވަހުގެ ޖަލްސާ ބޭއްވޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތުގައި އިނދެވޭނީ މަޖިލީހުގެ ނައިބު ރައީސްއަށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ބުދަ ދުވަހުގެ ޖަލްސާއަށް ވެސް ހާޒިރުވެވަޑައިނުގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ

ކަން މިހެން އޮތް އިރު އެދުވަހުގެ ޖަލްސާ ބޭއްވޭނެ ކަމާ މެދު ޝައްކެވެ. އެންމެ ފަހުން ރިޔާސަތުގައި އިންނަވާނެ ބޭފުޅެއް ނެތި އެދުވަހުގެ ޖަލްސާ ނުބޭއްވުން ގާތެވެ. އެއާއެކު އާ ރައީސް ހުވާކުރުމުގެ ޖަލްސާއަށް އެމްޑީޕީން އެއްބާރުލުމެއް ނުދޭނެ އެވެ. އަދި ކެބިނެޓަށް ބޭފުޅުން އައްޔަން ކުރަންވެސް އެމްޑީޕީން ފުރުސަތެއް ނުދޭނެ އެވެ. މިއަދު މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގަ އެވެ. ނަޝީދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް އާރައީސްގެ ހުވާ ކުރުންވެސް އެމްޑީޕީން ބަލައެއް ނުގަންނާނެ އެވެ. އެއިންޒާރު އެމްޑީޕީން ވަނީ ދީފަ އެވެ.

އެމްޑީޕީން މިވަނީ "ސީދާ ހަނގުރާމަ" އިއުލާން ކޮށްފަ އެވެ. ނަޝީދުގެ މައްސަލަ ކުރިއަށް ނުދާނަމަ އެމްޑީޕީން މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމާ ގުޅޭގޮތުން އެޕާޓީގެ ޕީޖީ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ މައްސަލާގައި ތުރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ މަޖިލީހުގައި ކުރިއަށްދާ އެއްވެސް ކަމަކަށް އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުދޭނެ ކަމަށެވެ.

އެމްޑީޕީން ބޭއްވި ގައުމީ މަޖްލީހުގެ ބައްދަލުވުމުގައި ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

މީގެ އިތުރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ އާ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ ވެސް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާ ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރާ ބޭފުޅުންނަށްވެސް ރުހުން ނުދޭނެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން މަޖިލިސް މެންބަރުން މަރުހަބާ ދަންނަވަނީ.. ފޮޓޯ: މަޖިލިސް

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަން އެމްޑީޕީންވެސް ގަބޫލު ކުރެ އެވެ. އާދިއްތަ ދުވަހުގެ ޖަލްސާއަށްވެސް އީވާ ވަޑައިނުގަންނަވާނެ ކަން އެނގިފައިވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.