ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑަ ކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ވަނީ މަޖިލީހުގައި އިއްޔެ ވަނީ އެދިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިން ތާވަލުކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާތައް ވަނީ ކެންސަލްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި މިހާރު ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފަ އެވެ.