ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.

އިވާ މިގޮތަށް މަޖިލީހަށް އަންގަވާފައިވަނީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައި އެވެ.

އެސިޓީގައި އީވާ ވިދާޅުވެފައިވަނީ ނަޝީދުގެ މައްސަލަ އެމްޑީޕީން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމުން، އެ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ބޭނުންވެވަޑައިގުނަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފަ އެވެ.

އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައެއް ނުވެ އެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފަ އެވެ. އެމައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ ހެނދުނު 9:30 އަށް ވަނީ ތާވަލް ކޮށްފަ އެވެ.