ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށްވާއިރު އާންމު މެމްބަރަކަށް އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ސުޕްރީމް ކޯޓުގައި ފަށާފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައި މަޖިލީހުގެ ނައިބު ރައީސް ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ އެކަމުގެ ހައްލަކީ ކޮބައިތޯ ފަނޑިޔާރު ހުސްނުއް ސުއޫދު، ސުވާލުކުރެއްވުމުން މަޖިލީހުގެ ކައުންސިލް ޖެނެރަލް ފިލްޒާ ވިދާޅުވީ މިހާރު ގަވާއިދު އޮތްގޮތުން މަޖިލީހުގެ ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލައެއްގައި ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ އާންމު މެމްބަރަކަށް އެދުވަހުގެ ޖަލްސާގެ ރިޔާސަތުގައި ނީނދެވޭނެ ކަމަށެެވެ.

އެ ހާލަތުގައި އޮތް ހައްލަކީ މަޖިލީހުގެ ގަވައިދު ބަދަލުކުރުން ކަަމަށް ފިލްޒާ ވިދާޅުވި އެވެ. ފިލްޒާ ވިދާޅުވީ ގަވާއިދަށް މިހާރު ވެސް އިސްލާހު ގެންނަން ޖެހޭ ކަމަށަ އެގޮތަށް ލަފާ ދީފައިވާނެ ކަމަށެވެ.

ފިލްޒާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ނައިބު ރައީސްއާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ، ނައިބު ރައީސަކީ ރައީސް ނެތް ހާލަތެއްގައި ރައީސްގެ ހުރިހާ މަސްއޫލިއްޔަތުތަކަކާ ހަވާލުވާން ޖެހޭ ފަރާތް ކަމަށެވެ.

ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަސް (އާންމު މެމްބަރުން) މެމްބަރުންނަށް އެ މަސްއޫލިއްތުތައް ފުރޮޅިގެން ނުދާނެ ކަމަށާއި، އެ މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނީ ވެސް ޖެހި ޖެހިގެން ތިން ޖަލްސާގައި ކަމަށް ފިލްޒާ ވިދާޅުވި އެވެ.

އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން ހުށަހަޅަފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސް އާލަށްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ ވަނީ ދެފަހަރު ވެސް ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން ރައީސްއާއި ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ އެދުވަހެއްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ގަވައިދުގެ މަތީން ކަމަށެވެ. އެއީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އެހެން ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއްގައި އެގޮތަށް އަމަލު ކުރުމަކަށް ބުނެފައެއް ނުވެ އެވެ.