އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާއަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށް، އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ވަނީ ބައްވައިފަ އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ ނަމަ އިތުރު އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށްވެ. އެހެންވެ އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އޮންނަންވާނެ ކަމަށެވެ.

"ޖަލްސާ ބޭއްވިދާނެ. އެހެން ނަމަވެސް، އެ ޖަލްސާގައި ވެސް އެެޖެންޑާ ނަމްބަރު އެކަކަށް ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން،" އެމްޑީޕީގެ ވަކީލް ވިދާޅުވި އެވެ.

އެމްޑީޕީގެ ވަކީލް ހަވާލާ ދެއްވަނީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) އަށެވެ، ގާނޫނު އަސާސީގެ 205 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ނޯޓިހުގެ މުއްދަތު ހަމަވުމުން މަޖިލިސް ރައީސް ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ފަހު އެގަރާރަށް ބަހުސް ނުކޮށް އެހެން އެއްވެސް ކަމަކަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

މި ނުކުތާއަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ގާނޫނުގައިވާ ގޮތަށް މިހާރު ހުށަހެޅިފައި މިއޮތް އިތުބާރު ނެތްކަމުގެ މައްސަލަ މާނަ ކުރެވޭނީ މަޖިލީހުގެ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް ފަހުގައި ކަމަށެވެ.

އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން ހުށަހަޅަފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ ވަނީ ދެފަހަރު ވެސް ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން ރައީސްއާއި ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ އެ ދުވަހެއްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ގަވައިދުގެ މަތީން ކަމަށެވެ. އެއީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އެހެން ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއްގައި އެގޮތަށް އަމަލު ކުރުމަކަށް ބުނެފައެއް ނުވެ އެވެ.