އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ކަންކަން ފެއިލްވެއްޖެ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ދާނީ ރީތިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދޅާުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ރޭވުންތައް ފެއިލްވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެއިލްވި ކަމަށްޓަކައި ﷲ އަށް ހަމްދުކުރާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
މީގެ އިތުރަށް ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ.
އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.