މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވެއްޖެ ނަމަ ގަވާއިދުގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަޖޫ ޖައްސަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހަވީރު ވަނީ ހުކުމް އިއްވައިފަ އެވެ.
އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ މަޖިލީހުގެ ޖަލްސާއަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާއިރު އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި އެ މައްސަލަ ކުރިއަށްގެންދަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާނަމަ މަޖިލީހުގެ ގަވާއިދުގެ ދަށުން އެހެން މެމްބަރަކު އެ މައްސަލައިގެ ރިޔާސަތާ ހަވާލުގެ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ނަޝީދު ހަޖޫ ޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގަ އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި މެސެޖްއަކަށް ރިޕްލައިކުރައްވަމުން ނަޝީދު ވިދާޅުވީ ހުކުމުގައި އޮތީ ހަތް ދުވަހު ހިފަހައްޓަން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް ފަސް ދުވަހު ހިފަހައްޓައި ދީފައިވާ ކަމަށެވެ.
އެހެން މެސެޖްއެއްގައި ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސްގެ ހުވާކުރެއްވުމަށް ހުރަހެއް ނެތް ކަމަށެވެ.
"ހުވާކުރުމަކަށް ހުރަހެއް ނެތޯ. ވަރަށް ފަސޭހަވާނެ އެމްޑީޕީ އިން ވެސް މިހާރު މިކަމުގައި އުޅޭނީ ގިނަވެގެން އަށް މެމްބަރުން. ލިޔަންކިޔަން އިނގޭ މީހަކު އެއްޗެއް ވިދާޅުނުވޭ ދޯ. ހުކުމް އިއްވީ ހިސާބް އަކުރުންބާ" ނަޝީދު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށެވެ.
އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ކަންކަން ފެއިލްވެއްޖެ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ދާނީ ރީތިކޮށް ކަމަށް ނަޝީދު މިއަދު ވިދާޅުވެފައިވެ އެވެ.
މީހަކު މޮޔަވާނީ ތިވަރަށް ދެންގޭގަ މަޑުކޮއްލާ ދެން އާދެވޭނެ ރައީސް ކަމެއްވެސް އެކެއްޗެއްވެސް ނެތް