މި މަހުގެ 20 ގައި ނެޓްފްލިކްސްގައި ދައްކަން ފެށުމާއެކު ޝާހްރުކް ޚާންގެ "ޖަވާން" ގަދަ ދިހައެއްގައި ހިމެނިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސިނަމާތަކުގައި ރިލީޒް ކުރި "ޖަވާން" ނެޓްފްލިކްސްގައި ރިލީޒްކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައިރު އެފިލްމު ވަނީ ނެޓްފްލިކްސްގެ ގަދަ 10 ގައި ހިމެނިފަ އެވެ. 18 ގައުމެއްގެ ގަދަ 10 ގައި "ޖަވާން" ހިމެނިގެންގޮސްފައިވާއިރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ޔޫއޭއީގައި އެފިލްމު ހިމެނެނީ އެއް ވަނާގައި އެވެ. "ޖަވާން" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިފިލްމު މިހާތަނަށް 15 މިލިއަން ގަޑައިރު ވިއުސް ވަނީ ލިބިގެން ގޮސްފަ އެވެ.
ނެޓްފިލްކްސް ވާޝާންގައި ސިނަމާތަކުގައި ދެއްކި ފިލްމަށް ވުރެ ގިނަ މަންޒަރުތައް ހިމެނެ އެވެ. ސިނަމާތަކުގައި އެޅުވި ފިލްމުން އެ މަންޒަރުތައް އުނިކުރީ މާ ގިދުވާތީ އެވެ. ނެޓްފިލްކްސް ވާޝަންގައި ދެ ގަޑިއިރާއި 50 މިނެޓު ހޭދަވެ އެވެ.
ސިނަމާގައި ދެއްކި އިރުގައި އެ ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާ 45 މިނެޓެވެ.
ޖަވާންއަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެގޮތުން އެ ފިލްމަށް ލިބުނު އާމްދަނީ 1000 ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް އަރަ އެވެ. އެ ފިލްމުގެ ސްޓްރީމިން ރައިޓްސް ނެޓްފްލިކްސް އަށް ވިއްކާލީ 31 މިލިއަން ޑޮލަރަށެވެ.
"ޖަވާން" އަކީ ޝާހުގެ އެންމެ ކާމިޔާބު ފިލްމެވެ. އޭނާގެ ހުރިހާ ރެކޯޑުތަކެއް މި ފިލްމު މުގުރާލި އެވެ. ޝާހުގެ ފިލްމަކަށް އަދި ބޮލީވުޑްގެ ބޮކްސް އޮފީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމަކަށް "ޖަވާން" ވަނީ ވެފަ އެވެ.
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތައް ކުޅުނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެނުނެވެ