ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓުގެ 95 އިންސައްތަ އެއީ ރަނގަޅު ނަންތައް ކަމަށް އެމަނިކުފަނު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ބޭފުޅުންކަމަށް ބުނެ ކެބިނެޓުގެ ލިސްޓެއް ވަނީ އާންމުވެފަ އެވެ. އެލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނެ އެވެ.

ޑރ. މުއިއްޒު ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށް ބުނެ އާންމު ވެފައިވާ ލިސްޓުގެ 95 އިންސައްތަ ރަނގަޅު ކަމަށެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ކެބިނެޓުގައި ތިއްބަވާނެ ކަމަށާއި ކުދިކުދި ބަދަލު ތަކެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންނާ ގުޅެގޮތުން ކެމްޕެއިންތެރޭގައި ދެއްކެވި ވާހަކަތަކަށް ރިއަޔަތް ކުރައްވާނެ ކަމަށެވެ. ކެބިނެޓުގައި ތިއްބަވާނީ ކަމަށް ގާބިލް ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އާންމުވެގެންއުޅޭ ލިސްޓުގެ 95 ޕަސެންޓް ރަނގަޅޭ ވެސް ބުނެވިދާނެ ގިނަ ތަންތަނުގައި. ބައެއް ކުދި ކުދި ބަދަލު އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.

ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް

ޕީއެންސީގެ އިސް ސަފުގައި ނަގާ ކިޔަން ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން އައްޔަން ކުރައްވަނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހަމަޖައްސަވަނީ އިކޮނޮމިކް މިނިސްޓަރު އެވެ. އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވެސް އިކޮނޮމިކް މިނިސްޓަރެވެ.

ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ދެއްވަނީ އަލަށް އުފައްދަވާ ކައުންސިލް މިނިސްޓަރު ކަމެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދެއްވަނީ ފޮރިން މިނިސްޓަރުގެ މަގާމެވެ.

ޕީޕީއެމްގެ ނައިބް ރައީސުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދެއްވަނީ ފިޝަރީޒް މިނިސްޓަރުކަމެވެ.

މި ފަހަރު ޓޫރިޒަމް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހީމް ފައިސަލް އަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް ހަމަޖައްސަވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލެޓް، ކެޕްޓަން މުހައްމަދު އަމީން އެވެ.

ހޯމް މިނިސްޓަރަކަށް އައްޔަންކުރައް ވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ ދަރިކަލުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އެވެ.