ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބު ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް މިރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.
ޖަލްސާ އެޖެންޑާގައި ހަމައެކަނި އޮތީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް އިންތިހާބު ކުރުމުގެ މައްސަލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އާއި ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަން ހުށަހަޅާފައިވެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބު ކުރަން ވޯޓު ދެއްވާފައި ވަނީ 53 ވޯޓެވެ.
އާޒިމްއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލިސް ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓު ގުނުމަށްޓަކައި ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އެކޮމެޓީގައި ތިއްބެވީ:
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް
މައްޗަންގޮޅި އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ރަޝީދު
ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު
ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން
ވިލިމާލޭ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު މިއަދު ވަނީ އިސްތިއުފަ ދެއްވާފަ އެވެ. އެމަނިކުފަނު އިސްތިއުފާ ދެއްވީ އެމަނިކުފަނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަފައި ވަނިކޮށެވެ.
ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ދެ ފަހަރަށް ހުށަހަޅައިގެން އެމްޑީޕީން ދަނީ މަޖިލީހުގެ ބާރުތައް ހަނިވެގެންދާނެ ފަދަ އަމަލުތައް ހިންގަމުން ކަމަށާއި މަޖިލީހުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މަޖިލީސް މެމްބަރުންނަށް ލިބިގެންވާ ބާރެއް ވެސް ހަނިކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެއް ކަމަށާއި އެއީ ދިވެހިންނަށް ވެވޭ ބޭއިންސާފެއް ކަމަށް ފެންނަކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަގާމުގައި ދެން އިތުރަށް ހުރެއްޖެނަމަ، އެމްޑީޕީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވާނެތީ މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.