ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން މަޖިލީހުގެ މެޖޯރިޓީ މެންބަރުން ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވައްދައިފިނަމަ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ސޮއިކޮށް މަޖިލީހަށް އިތުބާރުނެތް ކަމުގެ މައްސަލަ ވައްދައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އަޅުގަނޑަށް މަޖިލީހުގެ 44 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ސޮއިކޮށްފަ އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު މި ގަޑީގައި ލިޔަސް، އަޅުގަނޑަށް އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން ނިކުންނާނީ އަޅުގަނޑުގެ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެންދިޔައިރު އަސްލަމް ވަނީ އޭނާގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް އެގޮތަށް ހުއްޓިގެން ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ މަސައްކަތް ހުއްޓެން މެދުވެރިވާ ސަބަބަކީ ގާނޫނެއް ގަވާއިދެއް ނެތުމެއް ނޫން ކަމަށާއި އެކަންކަމުގައި އަމަލުކުރެވޭ ގޮތް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަސައްކަތްތަކެއް ކުރުމަށް މަތިކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން ގިނަ އިދާރީ މުވައްޒަފުންވެސް މަސައްކަތްކުރާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ 25 ބިލެއްގެ މަސައްކަތް މިވަގުތުވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ކަމަށެވެ.
މަޖިލީހުން ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާއިރު މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދަން ވަރަށް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސްއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ބޭނުންވެއޭ، ރައްޔިތުންގެ މަޖިލީހަކީ މިއީ ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ މަޖިލީހަކަށްވުން." އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އަދި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ނެތްކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް އެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މި ބަދަލުތައް ގެނެވޭނީ މެންބަރުންގެ އެއްބާރުލުމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.