ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު ކަމަށް ތިން މެންބަރަކު ކުރިމަތިލައްވައިފި އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރުގެ މަގާމުގެ ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަގާމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވުމުންނެވެ.

މިމަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ޕީޖީ ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާއިރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރަޝީދަށެވެ. ދެވަނަ ނަންބަރު ޣަނީއަށް ލިބިވަޑައިގެންނެވިއިރު ތިންވަނަ ނަންބަރު ލިބިވަޑައިގަތީ ޖާބިރަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުން އޮންނާނީ މިމަހުގެ 23ވާ ބުރާސްފަތި ދުވަހު އެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތންގެ މަޖިލީހަށް 67 މެންބަރުން އިންތިހާބުވި ނަމަވެސް އެމްޑީޕީ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވީ 55 މެންބަރުންނެވެ.