ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ ބޮޑު ފުރުސަތަކަށެވެ.

ކޮޕް28 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ހާއްސަ ބައްދަލުވުމެކެވެ.

ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީ.އެސް.ޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެ އެވެ. އަދި، މިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ރައީސް މުއިއްޒު ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ޑުބާއީ އަށް ވަޑައިގެންނެވީ ތުރުކީ ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެވެ.