ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތަކަކީ ފުއްދައިދެއްވުމުގެ ފޮނި އުއްމީދުގައި ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށް ވިދާޅުވެ, މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ވައުދުވެވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައި އެވެ.

މަސްވެރިންގެ ގުންޒަރުގައި ވާހަކަދެއްކެވި މަސްވެރިން ވަނީ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކާ ކަންބޮޑުވުންތައް ރައީސްއަށް ދަންނަވާފަ އެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާ، ދިވެހި މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ހާލަތާމެދު ވެސް ވާހަކަދައްކަވައިފަ އެވެ.

މަސްވެރިންގެ ޝުއޫރުތަކާ، ސުވާލުތަކާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރެއްވި އެވެ. އަދި އެއިން ކޮންމެ ވައުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްޤީކުރުމަށް ހޭދަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށެވެ. އަދި މި ފައިސާ ވެސް ވީ އެންމެ އަވަހަކަށް މަސްވެރިންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް މަސްވެރީން ބައިވެރިވެ އެވެ. ރޭގެ ދަންފަޅީގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު މަސްވެރިންވަނީ، މަސްވެރީންގެ އަޑު އައްސަވައި، މަސްވެރީންނާ ބައްދަލުކޮށްލެއްވުމަށް ވަޑައިގެންދެއްވީތީވެ، ރައީސްއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ، މިރޭ ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ރައީސް އިއުލާން ކުރައްވާނޭކަން ހާމަކުރައްވައިފަ އެވެ. އަދި މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ސިނާއަތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހުށަހެޅުއްވި ފުރަތަމަ ކަރުދާހަކީ، އަދި ވަޒީރުންގެ މަޖިލީހުން ފުރަތަމަ ނިންމެވި ނިންމެވުމަކީ ވެސް މަސްވެރިކަމާ ގުޅުންހުރި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ގުންޒަރުގައި ކުރިއަށް ދިޔަ ދަންފަޅިއަށްފަހު، ރައީސް ވަނީ މަސްވެރިންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން، މަސްވެރިންނާ ޚިޔާލު ބަދަލުކުރައްވައި، އިތުރު މަޝްވަރާތައް ކުރައްވައިފަ އެވެ.