މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޢިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތެރަޕީ ރޫމެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި މީގެ އިތުރުން 'ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިންގެވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމާދުއްދީން ސްކޫލުގައި ގާއިމްކުރި ތެރަޕީ ރޫމް

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދާނެ އެވެ.

ބޭންކުން އަބަދުވެސް އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ. ތައުލީމީ ދާއިރާ އަކީ ބޭންކުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެކެވެ.

އެ ބޭންކުން ބުނިގޮތުގައި ފާއިތުވި ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕޭޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ.

ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރ ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.