ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓާ ގުޅޭ މައްސަލައެއް ތަހުގީގުކުރުމަށް ގެދޮރުވެރިންގެ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހައުސިން މިނިސްޓްރީން ދީފި އެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ.

"އެކްސެސް ދިނުމާ އެކު، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށް އެބަދެ އެވެ." އެ މެސެޖުގައިވެ އެވެ.

އޭސީސީން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަމުގެ ބައެއް މައުލޫމާތު އޭސީސީން ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިއްސާކުރައްވާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް ފަރުމާކޮށްފައިވަނީ ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓްވާ ގޮތަށް ކަމަށެވެ. އެހެންވެ ޕޯޓަލްގެ ތެރެއިން ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމަނުވާ ކަމަށްވާނަމަ ޝަރުތު ހަމަނުވާ ކަމަށް ސިސްޓަމުން އޮޓޯއިން ޖެނެރޭޓު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕްރޫވަލް ލެވެލްއިން ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ހުންނަކަން ފާހަގަވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

"އެ މާކްސްތައް އޮޓޯއިން ޖެނެރޭޓުވެފައި ހުންނަ އިރު އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް, ނުވަތަ އޭގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ," އެ ބައްދަލުވުމުގައި ސަލާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ

އެހެންނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ފްލެޓް ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޝަރުތު ހަމަނުވާ ބަޔަކަށް ފުލެޓާއި ގޯތި ދީފައިވާ ކަމަށް ބުނެ އޭސީސީއިން ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. އަދި ފްލެޓް ލިސްޓާ މެދުގައި ކަންބޮޑުވުން ފާޅުކުރީ އެންމެ ދިހަ މީހުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

މިކަމަށް އަވަސް ހައްލެއް ގެނައުމަށް، އޭސީސީ އާއި މި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.