މާލޭ ސިޓީގެ ކައުންސިލުން ހުސްވެފައިވާ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

އާޒިމް މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުންނެވެ.

މޭޔަރުކަމަށް އާޒިމް ފޯމު ހުށަހެޅުއްވިއިރު، އެމްޑީޕީގެ ފަރާތުން މެދު ހެންވޭރު ދާއިރާ އަށް ވާދަ ކުރަން ފޯމު ހުށަހެޅީ އަހުމަދު ރިޝްވާން ރަޝީދު އެވެ. ހެންވޭރު ދެކުނު ދާއިރާއަށް ހައްވާ ނިޙްލާ ވާދަކުރާއިރު މާފަންނު ދެކުނު ދާއިރާއަށް އަހުމަދު އިމްރާން ވެސް ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ފަރާތުން އާޒިމްގެ ފޯމާއި ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މެމްބަރުންގެ ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމާއި، މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ދެން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެވެ.