ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް، އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރު ދިނުން ކުށްވެރި ކުރައްވާ ކަމަށެވެ.

އެގޮތުން ޝިފާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާ ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީ ހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ." ބަޔާނުގައިވެ އެވެ.

މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައިމިވަނީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅުއްވާފައި ވަނިކޮށެވެ. އެ އިސްލާހު މަޖިލިހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހު ފާސް ކުރުމުގެ ކުރިން މިއަދުގެ ޖަލްސާގައި ޝިފާއު ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ.