ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ އަޑު އުފުލެއްވި ބޭފުޅުން މިއަދު ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެއިރު އެމަނިކުފާނަށް އިންސާފު ނުލެބޭތީ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަހުން އިއްވި ހުކުމަށް މިއަދު އަހަރު ފުރުމާއި ގުޅިގެން ޖަމީލު "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު އިއްވި ހުކުމަކީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ނުފޫޒުން އިއްވި "ހަރާމް" ހުކުމެއް ކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި އެބޭފުޅުން ކޯޓް ކައިރިއަށް ވަޑައިގެން އިހުތިޖާޖުކޮށް އެ އަޑު އޭރު އުފުލި ކަމަށް ޖަމީލް ވިދާޅުވި އެވެ.

މިއަދު އެ ބޭފުޅުން ތިއްބެވީ ރައީސް ކަމުގަ އާއި ބޮޑެތި ވަޒީރުންގެ ގޮތުގައި ކަމަށާއި މިއަދު ޔާމީންގެ މައްސަލަ ލަސްވުން އަދި ހުކުމް ވެސް އޯކޭވީތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.

"މަގާމާއި މުސާރައާއި ފައިސާވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ލީޑަރު، ބައްޕައެއް ފަދަ ބޭފުޅަކަށް މި މިންވަރަށް ބަޔަކު ޚިޔާނާތްވިތަން ފަހުގެ ތާރީޚުގައި ދުށިންތޯ؟ މިއަދު ތިޔައީ ބޮޑެތި މަގާމުތަކުގެ ދަހިވެތިކަމުގައި ތިމާގެ އުސޫލާއި، ހަމަޔާއި، އަގީދާ ދޫކޮށްލި ބައެއް،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލް ސިފަކުރެއްވި ގޮތުގައި އެ ބޭފުޅުންނަކީ ބޮޑެތި މަގާމުތަކުގެ ދަހިވެތި ކަމުގައި ގަބޫލު ކުރެއްވި އުސޫލުތަކާއި ހަމަތަކާއި އަގީދާ ވެސް ދޫކޮށްލެއްވި ބޭފުޅުންތަކެކެވެ.

ޖަމީލު ވަނީ މިފަދަ ބޭފުޅުންނަށް ގައުމާއި ރައްޔިތުންނަށް ދެވޭނެ ފިލާވަޅެއް، ދެއްކޭނެ އިހުލާސްތެރިކަމެއް، ގައުމިއްޔަތެއް އަދި ރީތި ދީނީ އަހުލާގެއް އޮންނާނެތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.

"މިއީ މަގާމާއި މުސާރައިގެ އަޅުންތަކެއްކަން ކަށަވަރު. މިއީ އަޚްލާގެއް ނެތް ބައެއް ކަމާ މެދު ދެބަސްވުމެއް ނެތް،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލް އެ ވާހަކަ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ ނަން ވަކީން ފާހަގަ ކުރެއްވި އެވެ.

އަދި ޖަމީލު ވަނީ ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުގެ ބޭފުޅުން އޭރު ދެއްކެވި ވާހަކަތައް ހިމެނޭ ވީޑިއޯއެއް ވެސް ޕޯސްޓްގައި ހިއްސާ ކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށް ފަހު އެވެ.

ޔާމީންގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.