ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތައް ބަންދު ކުރުމަކީ މި ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހިން ދާ އޮހޮރުވައިގެން ވަރަށް ގިނަ މާއްދާތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އެ މާއްދާތަކުގެ ތެރެއިން އެންމެ މުހިންމު މާއްދާއަކީ ހިޔާލު ފާޅު ކުރުމާ ގުޅޭ މާއްދާ އާއި ނޫސްވެރިކަމާ ގުޅޭ މާއްދާތައް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އުންމީދުތައް ހާސިލް ކުރުމަށް ވުޖޫދަށް ގެނައި އެއްޗެއް ކަމަށާއި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ތަޅުނުލެވި އޮންނަން ރައްޔިތުން އަބަދުވެސް ބޭނުންވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"ނަމަވެސް ޑިމޮކްރެޓުން ކަންބޮޑުވާ ކަމެއް އެއީ އޭގެ އެންމެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ފަދަ ގޮތަކަށް ސަރުކާރުން އަމަލު ކުރާ ކުރުން. ޑިމޮކްރެޓުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން އަދި ކަންބޮޑުވުން ފާޅު ކުރަން މި ދެންނެވި ގޮތަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަންނަ ގޮތަށް ބައެއް ސައިޓްތަކަށް ނުވަދެވޭ ގޮތަށް އެ ބްލޮކްކޮށް އެ ކަންކަން ކުރުމަކީ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ފޭކް ހަބަރު ނުވަތަ ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް އޮތް މަގަކީ އޮންލައިން ނޫސްތައް ބަންދު ކުރުމެއް ނޫނެވެ. ސަރުކާރެއް ވެއްޖެއްޔާ އެކަންކަން ހުއްޓުވޭނެ އެހެން ގޮތް ގޮތް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޮގެއް ބުނާ ކޮންމެ ފަހަރަކީ އެމީހެއްގެ ދޫ ބުރިކޮށްލަން ޖެހޭ ފަހަރު ކަމުގައި ވެގެން ނުވާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހަނި ކުރެވޭނެ ގޮތް ގާނޫނުތަކުން ފަހިވެފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ހުދުމުހުތާރު ގޮތެއްގައި ހިންގައިގެން ވާނެ އަމަލެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"މިއީ 2023 ވަނަ އަހަރު ނިމެމުންދާ އިރު މި ޒަމާނާ ގުޅޭ ކަހަލަ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ ސަރުކާރަކުން އޮންލައިން ނޫސްތައް ބަންދު ކުރުމުގެ ސަބަބެއް ކަމަށް އެއީ ފޭކް ނިއުސް ނުވަތަ ދޮގު ހަބަރު ފަތުރާ ފެތުރުން އެއީ ސަބަބެއް ކަމަށް ދެއްކުމަކީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރުން މިކަން ރަނގަޅު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ހިފެހެއްޓުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ސަރުކާރަށް ތާއީދު ވެސް ލިބޭނެ ކަމެއް ނޫން. އެއީ ސަރުކާރުން ކަން ކޮށްގެން ވާނެ ކަމެއް ވެސް ނޫން. ހަމަގައިމުވެސް މަޖިލިހުން އެކަމެއް ބަލައެއް ނުގަންނާނެ ކަން އަޅުގަނޑަށް ޔަގީން ކަށަވަރު،" ހަސަން ލަތީފް ވިދާޅުވި އެވެ.

މި ސަރުކާރުގެ އެދުމަށް މި މަހުގެ 21 ވަނަ ދުވަހު ވަނީ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވޭ ގޮތް ހަދައި ބްލޮކްކޮށްފަ އެވެ. އެ ދެ ވެބްސައިޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ފާޑު އެކި ހަބަރުތައް ގެނެސްދެމުން އައި ދެ ނޫހެވެ. އެ ދެ ނޫހަށް ފަހު، "ފުރަތަމަ.ކޮމް" ކިޔާ ރަޖިސްޓްރީ ކޮށްފައިވާ ނޫހެއް ވެސް ބްލޮކް ކުރި އެވެ. އެކަމަކު، ފަހުން ވަނީ އެ ނޫހަށް ވަދެވޭ ގޮތް ހަދައިފަ އެވެ.