މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގަނެލައިފި އެވެ.

މިއާއެކު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

ޕީއެންސީއަށް އަލަށް ސޮއިކުރި ބޭފުޅުންގެ ފޯމާ ހަވާލުވީ ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

  1. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  2. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  3. މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
  4. އިސްދޫ ދާއިރާގެ އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
  6. ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
  7. މަތިވެރި ދާއިރާގެ ހަސަން ޒަރީރު
  8. މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
  9. ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
  12. ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
  13. ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީ އަށް ސޮއިކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީ އަށް ގެންނަން ފައިސާ ހުށަހަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަދަދު މިހާރު ވަނީ 55 އިން 42 އަށް ދަށްވެފަ އެވެ. އަދި ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންގެ ޖުމްލަ 17 އަށް ވަނީ ބަދަލުވެފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްޤީއާއި ކުރިއެރުމާއި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމުގެ މެންޑޭޓު ދިވެހިން ހަވާލުކުރީ ރައީސް މުއިއްޒުއާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ޑރ. މުޢިއްޒު ކާމިޔާބުކުރެއްވިއިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 3،000 މެންބަރުން ކަމަށެވެ.

ނަމަވެސް އެ ދުވަހުން ފެށިގެން މިހާތަނަށް އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން މިހާރު އެ ޕާޓީގައި 40،000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.